22 Sep 2012, 20:53
މީގެ ކުރިން އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ފުލުހުން އައްޑޫ ސިޓީގައި ބޭނުން ކުރަމުން އައި އިމާރާތުގައި މިއަދު ރޯކޮށްލައިފި އެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެ އިމާރާތަކީ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫގައި ހިނގި ހަމަނުޖެހުން ތަކުގައިވެސް ހުޅުޖަހާ ރޯކޮށްލާފައިވާ އިމާރާތެކެވެ. ދެ ބުރިއަށް ހުންނަ އިމާރާތުގައި ފެބްރުއަރީ އަށް ވަނަ ދުވަހު ހުޅުޖެހުމުން އިމާރާތުގެ ތިރީބުރި އެކީހެން އަނދައިހުލިވި އެވެ.
ކުރިން އޮޑިޓް އޮފީސް ވެސް ހިންގި އެ އިމާރާތުގައި ބަޔަކު ރޯކޮށްލައިފައިވަނީ މިއަދު ހަވީރު 6:15 އެހާކަން ހާއިރުކަމަށް ފުލުހުން ބުންޏެވެ. އަލިފާނުގައި މީހަކަށް ގެއްލުމެއް ނުވާއިރު އެ އިމާރާތުގެ މަތީގައި ފުލުހުންގެ ބައެއް ސާމާނު ގުދަން ކޮށްފައި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ. މިރޭގެ އަލިފާނުގައި އެ އިމާރާތަށް ލިބުނު ގެއްލުން އަދި ސާފުވާ ގޮތެއްނުވެ އެވެ.
"ބަޔަކުވެސް މިހާރު ނޫޅޭ އިމާރާތެއް އެއީ، އަދި އެތާ ކަރަންޓެއް ވެސް ނުހުންނާނެ، އެހެންވެ މި ބެލެވެނީ ބަޔަކު ރޯކޮށްލީ ކަމަށް، މިހާރު އެ ދަނީ އަލިފާން ނިންވުމުގެ މަސައްކަތް ކުރިއަށް، ގާތްގަނޑަކަށް މިހާރު ނިންވާލެވިއްޖެ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.