ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ވަނީ ފަނޑިޔާރަކު ކަމަށް ވިޔަސް އެއްވެސް ފަސްޖެހުމެއް ނެތި އެމައްސަލައެއް ތަހުގީގުކޮށް ދައުވާކުރަން ޖެހޭނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެމައްސަލައެއް ފޮނުވާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މުއައްވިޒު ވިދާޅުވީ ދައުލަތުގެ ކޮންމެ އިދާރާއަކުން ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ވިޔަސް އެ މައްސަލައެއް ބެލުމަކީ އޭސީސީއަށް ލިބިގެންވާ ބާރެއް ކަމަށާއި ދައުލަތުގެ ތިންބާރު ކަމަށްވާ އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހާއި ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ވެސް އޭސީސީގެ ބާރު ހިނގާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އޭސީސީގެ ގާނޫނުގެ 24 ވަނަ މާއްދާގައި އޭސީސީގެ ބާރު ހިނގަނީ ކޮން ބައެއްގެ މައްޗަށްކަން ވަރަށް ޝަރީހަ އިބާރާތުން ބުނެފައިވާ ކަމަށާއި ފަނޑިޔާރުންނަކީ އޭސީސީގެ ބާރު ނުހިނގާ ބައެއް ކަމަށް ގާނޫނުގައި ބުނެފައި ނުވާނެ ކަމަށެވެ.

އޭސީސީ އުފެދުނު ފަހުން މިހާތަނަށް ވެސް ފަނޑިޔާރުންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އެއްވެސް ފަސްޖެހުމެއް ނެތި ފަނޑިޔާރުންގެ ކޮރަޕްޝަންގެ އެފަދަ މައްސަލަތައް ތަހުގީގު ކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ވަރަށް ސަރީހަކޮށް އެބަ އޮތް ކޮންފަރާތެއްގެ މައްޗަށް ކަން އޭސީސީގެ ބާރު ހިނގަނީ. އޭގެ ތެރޭގަ ދައުލަތުގެ ތިންބާރު ކަމަށްވާ ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ހިންގުމުގެ ބާރު ވެސް ހިމެނޭ. ކޮމިޝަން އުފެދުނު ފަހުން މިހާތަނަށް ވެސް ގާޒީންނާއި ގުޅޭ މައްސަލަތައް ވެސް ހުންނާނެ ޕީޖީ އޮފީހަށް ފޮނުވިފަ. އަދި ދައުލަތުގެ ތިންބާރާއި ގުޅޭ މައްސަލަތައް ވެސް ހުންނާނެ ޕީޖީއަށް ފޮނުވިފަ،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު މިއަދު މިހެން ވިދާޅުވިއިރު ފަނޑިޔާރުންނާ ބެހޭ ގޮތުން އޭސީސީ އަށް ހުށަހެޅިފައިވާ ޝަކުވާތަކާ ބެހޭ ފައިލްތައް ހަފުތާއެއްގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވުމަށާއި އަދި އޭސީސީ އަށް ހުށަހަޅާފައިވާ ފަނޑިޔާރުންގެ މައްސަލަތައް ވެސް ލަސްނުކޮށް ފޮނުވަން ޖޭއެސްސީން ފޮނުވި ސިޓީއަކަށް އޭސީސީން ރައްދު ދީފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ފެތުރިފަ އެވެ.

މީޑިއާގައި ފެތުރިފައިވާ އެ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ޖޭއެސްސީން ފޮނުވި ސިޓީއެއްގެ ޖަވާބު އެ ކޮމިޝަނުން ޖޭއެސްސީއަށް ފޮނުވާފައިވާނެ ކަމަށާއި ދެ ކޮމިޝަންގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކަކީ ސިއްރު އެއްޗަަކަށްވާތީ އެކަމާ ގުޅޭ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ބައެއް މީޑިއާތައް ބުނާގޮތުން ފަނޑިޔާރުންގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަކީ ގާނޫނީ ގޮތުން އޭސީސީއަށް ލިބިގެންވާ ބާރެއް ކަމަށް ބުނެ ޖޭއެސްސީގެ ސިޓީއަށް އޭސީސީން ވަނީ ރައްދު ދީފަ އެވެ.