22 Sep 2012, 19:29
މާފުށީ ޖަލު ބަލަހައްޓަމުން އަންނަ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް (ޑީޕީއާރްއެސް) ގެ ގާޑަކަށް ދެ ގައިދީއަކު ހަމަލާދީ އެމީހާގެ ބޯފަޅައިލައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ސެކިއުރިޓީ އޮފިސަރަށް ދެ ގައިދީއަކު ވެގެން ހަމަލާދީފައިވަނީ މިއަދު މެންދުރު 12 ޖަހާއެހާކަންހާއިރު މާފުށީ ޖަލުގައި ހުންނަ ޔޫޓޫ ބްލޮކްގެ ގޮޅިއަކުން ގައިދީއަކު ފޯން ކޯލަށް ގެންދަން އެ ގޮޅި ހުޅުވި ވަގުތު އެގޮޅި ތެރެއިން އެ ދެގައިދީން ނުކުތުމަށް ފަހު އެވެ. އެ ހާދިސާގައި ސެކިއުރިޓީ އޮފިސަރަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އެމީހާ އިތުރު ފަރުވާއަށް އެމީހާ ވަނީ މާލެ ގެނެސްފަ އެވެ.
ޖަލު ބަލަހައްޓާ އެ ސެކިއުރިޓީ ގާޑަށް ހަމަލާދީ ޒަހަމްކޮށްލައިފައި ވަނީ އެމީހާ އަތުގައި އެވަގުތު އޮތް ވޯކީ ޓޯކީ އަތުލުމަށް ފަހު އެވެ.
ޑީޕީއާރްއެސް ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ފަޔާޒު (އެފްއޭ) މިރޭ ވިދާޅުވީ އެފަދަ ހާދިސާއެއް މިއަދު ޖަލުގައި ހިންގައިގެން އުޅޭ ކަމަށާއި އަނިޔާވި ސެކިއުރިޓީ މީހާގެ ބޮލުގެ ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ޑީޕީއާރްއެސްއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެފްއޭ ވިދާޅުވި އެވެ.
"އެމައްސަލައާ ގުޅިގެން އެ އޮންނަ އުސޫލެއްގެ މަތިން އެ ދެ ގައިދީންނާ މެދު ވަނީ ފިޔަވަޅު އަޅައި އެކަހެރިކޮށްފައި،" ފަޔާޒު ވިދާޅުވި އެވެ.