22 Sep 2012, 19:20
ހަތަރު ސިޔާސީ ޕާޓީއަކުން ވާދަކުރި ރ. އަތޮޅު އަލިފުށީ ދާއިރާ އަތޮޅު ކައުންސިލް ގޮނޑިއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރި އިބްރާހިމް މަހީޝް ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވި އަލިފުށި ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ގޮނޑި ޕީޕީއެމް ޓިކެޓްގައި ވާދަކުރި މަހީޝް ކާމިޔާބު ކުރީ 883 ވޯޓު ލިބިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 44.39 ޕަސެންޓް ވޯޓެވެ.
މިރޭ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ވަގުތީ ނަތީޖާގައި ބުނާ ގޮތުން މަހީޝް އާ އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް، މޫމިނާ އީސާފުޅަށް ލިބިފައި ވަނީ 827 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 41.58 ޕަސެންޓެވެ.
އެ އިންތިހާބުގައި ވާދަކުރި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ނާސިފް އަބްދުﷲއަށް ފަސް ވޯޓް ލިބުނު އިރު ޑީއާރްޕީން ކުރިމަތިލި އަބްދުﷲ ޝިނާނު އަށް ލިބުނީ 274 ވޯޓެވެ. އަލިފުށީ ދާއިރާގެ މިއަދު ބޭއްވި ކައުންސިލް ބައި އިލެކްޝަނުގައި އިންތިހާބުގައި 2025 މީހުން ވޯޓުލާފައިވާ އިރު 36 ވޯޓު ބާތިލްވެފައިވެ އެވެ.
މ. އަތޮޅު ރަތްމަންދޫ ރަށު ކައުންސިލް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލި މުހައްމަދު ރާމިޒެވެ. އޭނާ އެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ 75 ހޯދައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 53.96 ޕަސަންޓެވެ. އޭނާ އާ ވާދަކުރި ޑީއާރްޕީގެ ކެންޑިޑޭޓް ފާތިމަތު ލިއުޝާ އަށް ލިބުނީ 64 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 46.04 ޕަސެންޓް ވޯޓެވެ.
ހަތަރު ބައި އިލެކްޝަނެއް އަންނަ މަހު 29ގައި ވެސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.