ފުޅަނގި ޗެލެންޖް 2026: ފޯރިގަދަ ފްރީސްޓައިލް ހަރަކާތްތަކާއެކު މުބާރާތް ފޯރީގައި ކުރިއަށް
ފުޅަނގި ޗެލެންޖް 2026: ފޯރިގަދަ ފްރީސްޓައިލް ހަރަކާތްތަކާއެކު މުބާރާތް ފޯރީގައި ކުރިއަށް

ބ. ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ބާ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026" ގެ ފެށުން ދައްކާލި ފޯރިގަދަ ފްރީސްޓައިލް ހަރަކާތްތަކުން ބެލުންތެރިން އަންތަރީސްކޮށްލައިފިއެވެ.

މުބާރާތް ފެށުމާއެކު، އެތުލީޓުން ވަނީ ވައިގެ ތެރޭގައި ހަދާލި ތަފާތު އުކުޅުތަކާއި، ފަންނީ ހުނަރުތަކުގެ އިތުރުން ރާޅުތަކުގެ މަތީގައި ދައްކުވައިދިން ހިތްގައިމު ކޮންޓްރޯލާއެކު ސަޕޯޓަރުންގެ ހިތްތައް އަތުލާފައެވެ.

މި ފޯރިގަދަ މުބާރާތުގެ ފަހުގެއަދާހަމަތައްބަލާލެވޭއިރު، މުބާރާތުގެ ލައިވް މަންޒަރުތައް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށްވެސް ދަނީ ދައްކަމުންނެވެ.

އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ބޮޑު މުބާރާތުގެ ފެށުމެއްގެ ގޮތުން ކުރިއަށްދާ ފްރީސްޓައިލް ޑިވިޜަންގެ ކޮލިފައިންގެ ގިނަ ހީޓްތަކެއް މިހާރު ވަނީ ބާއްވާފައެވެ.

ފްރީސްޓައިލް ހީޓްތަކުގެ ފަހު ބުރުގެ މެޗުތައް ކުރިއަށްއޮތްއިރު، މިހާތަނަށް ފެނިގެންދިޔަ މޮޅު ކުޅުމުން އެނގިގެންދަނީ ރާއްޖޭގެ ކައިޓްސާފިން އަދި ވޯޓާސްޕޯޓްސްގެ ފެންވަރު ދުވަހުން ދުވަހަށް މަތިވަމުންދާ ކަމާއި، މުޅި ރާއްޖޭގައި މި ކުޅިވަރުގެ ހުނަރުވެރި ޒުވާނުން އިތުރުވަމުންދާކަމެވެ.

ބާ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026 ގެ ތެރެއިން--

ފްރީސްޓައިލް ހަރަކާތްތަކުން މުބާރާތުގެ ފޯރި ގަދަކޮށްލާފައިވާއިރު، މި މުބާރާތުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބޭ ރޭސިން ކެޓެގަރީތަކަށް ގިނަ ބަޔަކު މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ.

އެގޮތުން ފްރީސްޓައިލް ސްލާލޮމް އަދި ޑައުންވިންޑް ސްލާލޮމް ހިމެނޭ "ސްލާލޮމް ރޭސިން" ގެ ވާދަވެރިކަން މާދަމާ ނޫން އަނެއްދުވަހު ފެށޭނެއެވެ. މި ކެޓެގަރީން ގައުމީ ފެންވަރުގެ ޝަރަފުވެރި ވަނަތަކެއް ހޯދުމަށް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ގިނަ ރައިޑަރުން ވާދަކުރާނެއެވެ.

ޖޫން 28 އިން ޖުލައި 5 ގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ފުޅަނގި ޗެލެންޖަކީ 30 އަށްވުރެ ގިނަ އެތުލީޓުންނާއެކު މިހާތަނަށް ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތްތަކާއި އޮފިޝަލުން ވަނީ މުބާރާތުގެ ބައިވެރިވުން އިތުރުވެ، ފެންވަރު މަތިވުމުން އެކަން ފާހަގަކޮށް ތައުރީފުކޮށްފައެވެ. އަދި މުބާރާތުގެ ރޭސިން ޕްރޮގްރާމްތަކަށް ދާއިރު، މިއަށްވުރެ ވެސް ފޯރިގަދަ މަންޒަރުތަކެއް ކުރިއަށްއޮތް ދުވަސްތަކުގައި ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.