ލޮސްއެންޖޮލަސް (ސެޕްޓެމްބަރު 22): އެމެރިކާގެ ބޮޑު ކައްކާއެއް އޭނާގެ އަންހެނުން މަރާލުމަށްފަހު އަންހެންމީހާގެ ހަށިގަނޑު ބުރިކޮށް ހަށިގަނޑުގެ ބައިތައް ފީފާ ބުރިއެއްގައި ކައްކާލި ކަމަށް ކޯޓުގައި އެއްބަސްވެއްޖެވެ.

ޑޭވިޑް ވައިންޒް (ފޮޓޯ) ނަމަކަށްކިޔާ މި ކުކް، މިކަމަށް އެއްބަސްވެފައިވަނީ އޭނާގެ އަންހެނުން ޑޮން ވައިންޒް މަރާލި ކަމަށް ތުހުމަތުކުރެވިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީގައެވެ. ޑޭވިޑް އެއްބަސްވިގޮތުގައި އޭނާގެ އަންހެނުން ޑޮން މަރާލަންޖެހުނީ މައްސަލައެއްގައި އަންހެނުންނާ ވަރަށް ބޮޑަށް އަރާރުންވުމަށްފަހު ރުޅިގަދަވެގެންނެވެ. އަންހެނުން މަރާލީ އޭނާގެ ދެއަތާއި ދެފައި ރަނގަޅަށް ބަނުމަށްފަހު ނޭވާނުލެވޭގޮތަށް އަނގައާއި ނޭފަތުގައި ވަރުގަދައަށް ޓޭޕްއަޅައިގެން ކަމަށް ވެއެވެ.

މިގޮތަށް ހަދާފައި އަންހެނުން ބޭއްވުމަށްފަހު އަނެއްދުވަހު އަންހެނުންނަށް ވީގޮތް ބަލަން ދިޔައިރު އަންހެނުން މަރުވެފައިވާ ކަމަށާ ދެން ވިސްނުމަށްއައި އެންމެ ރަނގަނޅުގޮތަކީ އަންހެނުންގެ މަރުވެފައިވާ ހަށިގަނޑު ބުރިކޮށް ހަށިގަނޑުގެ ބައިތައް ކައްކާލުން ކަމަށާ ފީފާބުރިއެއްގައި އެބައިތައް ކައްކާލުމަށްފަހު ގޭގައިހުރި ބާކީ ކާތަކެއްޗާއެކު ޑަސްބިންއަށް އަޅާލީ ކަމަށް ޑޭވިޑް އެއްބަސްވިއެވެ. އަންހެނުންގެ ހަށިގަނޑުގެ ބައިތައް ކެއްކުނީ ހަތަރު ދުވަހުން ކަމަށާ ނަމަވެސް އަންހެނުންގެ ބޯބުރި ކުނިއެއްޗަށް ނުލައި މަންމަގެ ގެއަށް ގެންގޮސް ގޭގައި ބޭއްވީ ކަމަށް ޑެވިޑް ބުނެފައިވެއެވެ.

ނަމަވެސް އެދުވަސްވަރު މިކަން ތަޙްޤީޤްކުރި ފުލުހުންނަށް ޑޭވިޑް ގެ މަންމަގެ ގެއިން ޑޮންގެ ބޯބުރި ފެނިފައެއް ނުވެއެވެ. ޑޭވިޑްގެ އަންހެނުން ޑޮން މަރުވިކަމަށް ޝައްކުކުރެވުނީ އޭނާ ގެއްލިގެން އެކަން ފުލުހުންނަށް އެންގުމުން ފުލުހުން ޑޭވިޑްގެ ގެއަށްގޮސް ބެލިބެލުންތަކުންނެވެ. މިބެލުންތަކުން ޑޮން ގެއްލުމުގެ ފަހަތުގައިވަނީ ޑޭވިޑްކަން ފުލުންނަށް ވަރަށް ބޮޑަށް ޝައްކުވިއެވެ. މިޖަރީމާ ހިނގާފައިވާ ކަމަށްވަނީ 2009 ވަނަ އަހަރު އެމެރިކާގެ ލޮސްއެންޖޮލަސް ގައެވެ. -- ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް