ވަޒީފާ އިން ވަކިކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ފުލުހުންގެ އިދާރާގެ މައްޗަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މައްޗަށް ފުލުހުންގެ ކުރީގެ އިސް ވެރިޔަކު ދައުވާކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އާ ބެހޭ އެންމެ އިސްވެރިޔެއްގެ ގޮތުގަ އާއި ފުލުހުންގެ ކުޑަ ކުދިންނާ ބެހޭ ޔުނިޓްގެ އިސްވެރިޔާގެ ގޮތުން މަސައްކަތްކުރެއްވި ފުލުސް ޗީފް އިންސްޕެކްޓަރު މ. ރަންފަހި މިރުފަތު ފާއިޒު ފުލުހުންގެ އިދާރާގެ މައްޗަށާއި ފޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މައްޗަށް ދައުވާ ކުރީ ފުލުހުންނާ ގުޅޭ ގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުންމުން ފުލުހުގައި އޭނާ ހުންނެވި ވަޒީފާ އިން ސަސްޕެންޑްކޮށް ވަޒީފާ އިން ވަކިކޮށްފައި ވާތީ އެވެ. މިރުފަތު ބުނެފައި ވަނީ ފުލުހުންގެ އެ ނިންމެވުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.


ކޮމިޝަނާއި ފުލުހުންގެ މައްޗަށް މިރުފަތު ހުށަހެޅި ދައުވާގައި ބުނަނީ އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންނާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މުއައްސަސާއަކަށް ވާއިރު ކޮންމެ މީހަކަށް ވެސް އެ ކޮމިޝަނުގައި ޝަކުވާ އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.  ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅައިގެން ވަޒީފާ އިން ވަކިކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. މިރުފަތުގެ ދައުވާގައި އެދިފައި ވަނީ އޭނާގެ ވަޒީފާ އަނބުރާ އިޔާދަ ކުރުމަށާއި ވަޒީފާ އިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތުން ނަގައި ދިނުމަށެވެ.


ވަޒީފާއާ ގުޅޭ މި މައްސަލަ މަދަނީ ކޯޓުގައި ހިނގަނީ ފުލުހުންނާ ގުޅޭ މިބާވަތު މައްސަލަތައް ލޭބާ ޓްރައިބިއުނަލްގައި ނުބެލެވޭތީ އެވެ.