22 Sep 2012, 15:46
އަލިމަސް ކާނިވާގެ ސަރަހައްދު ތަރައްގީ ކުރާނެ ޕްލޭނާއެކު އެ ސަރަހައްދުގައި ހުރި ކެފޭތައް އަލުން ބިޑަށް ލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ހުރި ކެފޭތައް އަލުން ބިޑަށް ލުމަށް ނިންމައި މި މަހުގެ ނިޔަލަށް ތަން ހުސްކުރަން މިހާރު ބައެއް ފަރާތްތަކަށް ނޯޓިސްދީފައިވާ ކަމަށެވެ. މާދަމާ ވެސް ބައެއް ތަންތަނަށް ނޯޓިސް ދިނުމަށް ހަމަޖައްސައިފައިވާ ކަމަށް ޝުޖާ ވިދާޅުވި އެވެ.
ކާނިވާ ތަރައްގީ ކުރަން ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ ސަރަހައްދުގައި ހިންގާ ހުރުހާ ވިޔަފާރިއެއް އެއްކޮށް ހުއްޓުވާލައިގެނެވެ. ނަމަވެސް ހުރިހާ ފަރާތްތަކަށް ވެސް އޭގެ ކުރިން ނޯޓިސް ދޭނެ އެވެ.
"އެކި މީސްމީހުންނަށް އެކި މުއްދަތުގައި ނޯޓިސް މިދެނީ، އެއީ މުޅި ތަން އެއްފަހަރާ ސަޓްޑައުން ކުރުމަކީ ގަބޫލް ކުރެވޭނެ ކަމަކަށް ނުވާތީ، އެހެންވެ އަޅުގަނޑުމެން އެމަސައްކަތް ކުރެވޭ ގޮތަކަށް ބަލައިފައި އެކަން މިކުރަނީ، އެންމެން ވެސް އެތިބީ ނޯޓިސްގަ،" ސުޖާއު ވިދާޅުވި އެވެ.
ކާނިވާ އަލުން ރީޑިޒައިންކޮށް އެތަނުގައި ހުރި ކެފޭތައް ބިޑަށްލާއިރު އަލުން އެތަންތަން ދޫކުރުމަށް ހަމަޖައްސައިފައިވަނީ އެންމެ އަގުބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް ކަމަށާއި ކާނިވާ ރީޑިޒައިން ކުރާނީ ހިތްފަސޭހަ ޕާކެއްގެ ގޮތުގައި ކުޑަކުދިންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ވެސް ޝުޖާ ވިދާޅުވި އެވެ.
"ކެފޭތައް އަލުން ކުއްޔަށްދޭއިރު އެސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭނަކާއެކު ކުއްޔަށް ދެނީ، ސިޓީ ކައުންސިލުން ތަރައްގީ ކުރާނީ. ނަމަވެސް ކެފޭތައް ކުއްޔަށް ނަގާ ފަރާތްތަކުން އެތަންތަން މެއިންޓަނެންސް ފީއެއް ނަގާ ގޮތަށް. ކުދި ތަންތަން ވެސް އެހުރި ސަރަހައްދުން ނަގައި އަނެއް ފަރާތައް [ޑޮލްފިން ހިމެނޭ ފަރާތަށް] ބަދަލު ކުރާނެ،" ޝުޖާ ވިދާޅުވި އެވެ. "މަގަށް ވީފަޅީގައި ކުރިން ޗަންޕާ މާރުކޭޓު އޮތް ތަން ބޭނުންކުރާނީ ކުޑަކުދިންނަށް ހާއްސަކުރާ ތަނެއްގެ ގޮތުގައި. ވަރަށް ބޮޑަށް ސެކުއިރިޓީ ވެސް އޮންނަ ގޮތަކަށް މިތަން ތަރައްގީ ކުރާނީ، ކާނިވާ ޕާކިން ވެސް ތަރައްގީކޮށް ކާނިވާތެރޭގައި ބަސް ޕާކްކުރުމަށް ހަދާފައި އޮންނަ ތަން ވެސް ނެގުމަށްފަހު މުޅިތަން ތަރައްގީވާނީ ހިތްފަސޭހަ ޕާކެއްގެ ގޮތުގަ،"
އަލިމަސް އުފާ ކާނިވާ ސަރަހައްދުގައި ހުރި ކެފޭތައް ކުއްޔަށްދީފައިވާ މުއްދަތު ހަމަވެގެން އެތަންތަން އަލުން ކުއްޔަށް ދިނުމުގެ ވާހަކަ މީގެކުރިން ވެސް އެކިފަހަރުމަތިން ވަނީ ދެކެވިފަ އެވެ. ނަމަވެސް އެ މަސައްކަތް އަމަލީ ގޮތުން ކުރިއަށް ގޮސްފައިނުވަނީ ހައުސިން މިނިސްޓްރީއާ އެކު ސިޓީ ކައުންސިލުން އޮތް ކޯޓުން ގަނޑުގެ ސަބަބުން ކަމަށާއި މިހަފްތާ ތެރޭގައި ކާނިވާ ރީޑިވިލޮޕް ކުރުމުގެ މަޝްވަރާތައް ހައުސިންނާ އެކު ބޭއްވުމަށްފަހު މިމަސް ނިމާހާތާ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.