ގައިދީން އަމިއްލަ ކުންފުނިތައް ހަދައި، މަސައްކަތް ބެލެހެއްޓޭ ފެންވަރަށް ތަމްރީނުކުރަންޖެހޭ: އިޙްސާން
ގައިދީން އަމިއްލަ ކުންފުނިތައް ހަދައި، މަސައްކަތް ބެލެހެއްޓޭ ފެންވަރަށް ތަމްރީނުކުރަންޖެހޭ: އިޙްސާން

ގައިދީން އަނބުރާ މުޖުތަމައަށް ނުކުންނައިރު، އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް އުފައްދައި މަސައްކަތްތައް އަމިއްލައަށް ބެލެހެއްޓޭ ފެންވަރަށް ތަމްރީނުތައް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ގައިދީން އަމިއްލަ ކުންފުނިތައް ހަދައި، މަސައްކަތް ބެލެހެއްޓޭ ފެންވަރަށް ތަމްރީނުކުރަންޖެހޭ: އިޙްސާން
ގައިދީން އަމިއްލަ ކުންފުނިތައް ހަދައި، މަސައްކަތް ބެލެހެއްޓޭ ފެންވަރަށް ތަމްރީނުކުރަންޖެހޭ: އިޙްސާން

ވަޒީރު މިހެން ވިދާޅުވީ ޖަލު އޮފިސަރުންނާއި ގައިދީން ގުޅިގެން ބިނާކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އައްސޭރި ޖަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު ޢަލީ އިޙްސާން ވަނީ ގައިދީންނާއި ޖަލު އޮފިސަރުން އަމިއްލަ މަސައްކަތުން ބިނާކުރި އައު އޮފީސް އިމާރާތް ހުޅުވައިދެއްވާފައެވެ.

މީގެ ކުރިން 400 އަކަފޫޓުގެ ކުޑަ ޖާގައެއްގައި ހިންގަމުން އައި އޮފީސް، މި އައު އިމާރާތާއެކު ޖާގަ ތަނަވެސްވެ، މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތު ދެއެވެ. މި އިމާރާތުގައި ކްލާސް ރޫމަކާއި މީޓިން ރޫމެއް ވެސް ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ގައިދީން މިނިވަންވެ، މުޖުތަމައަށް ނުކުންނައިރު ބޭނުންވަނީ ހަމައެކަނި އެހެން މީހެއްގެ ދަށުގައި މަސައްކަތް ކުރުން ނޫން ކަމަށެވެ.

މިނިސްޓަރު އިހުސާން އައްސޭރިޖަލުގެ ބަދިގޭގެ ބިންގާ އަޅުއްވައިދެއްވަނީ..... ފޮޓޯ/ ޕީއެސްއެމް

"އަޅުގަނޑުމެން ބޭނުންވޭ މި ބޭފުޅުންގެ އަމިއްލަ ކުންފުނިތައް އުފެދެން. މި ބޭފުޅުންގެ އަމިއްލަ ފަންނުން، ލީޑު ކުރާ ކޮންޓްރެކްޓް ގްރޫޕްތައް ފެންނަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައިދީންނަށް ޚާއްސަކޮށްގެން މަސައްކަތުގެ ފަންނާއި ހުނަރު މެނޭޖް ކުރާނެ ގޮތާއި، ޕްރޮޖެކްޓްތައް މެނޭޖް ކުރާނެ ގޮތާއި، އެއަށް އެއްޗެހި ހޯދުމާއި ފައިސާ މެނޭޖް ކުރުންފަދަ ޕްރޮގްރާމްތައް ވެސް ހިންގުން މުހިންމުކަމަށެވެ.

މި ޒިޔާރަތުގެ ތެރެއިން ވަޒީރު ވަނީ އައްސޭރި ޖަލުގައި އަލަށް ބިނާކުރާ ބަދިގެ އިމާރާތުގެ ބިންގާ ވެސް އަޅުއްވައިދެއްވާފައެވެ. މިއީ ޖަލުގެ ކެއިންބުއިމުގެ އިންތިޒާމުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މީގެ އިތުރުން، ގައިދީންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތެއް ވެސް ވަޒީރު ވަނީ ފައްޓަވައިދެއްވާފައެވެ. މި މުބާރާތަކީ ގައިދީންގެ ދުޅަހެޔޮކަމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ބާއްވާ މުބާރާތެކެވެ.

ޖަލު އޮފިސަރުންނާއި ގައިދީން ގުޅިގެން ބިނާކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރެއިން.... ފޮޓޯ/ ޕީއެސްއެމް

ތަޢުލީމީ ދާއިރާއިން ވެސް ކުރިއެރުންތަކެއް ފާހަގަކުރެވުނު މި ރަސްމިއްޔާތުގައި، ކަރެކްޝަންސް އިންސްޓިޓިއުޓުން ހިންގާ ޤިރާތު ސެޓްފިކެޓް 1 ކޯސް ވަނީ އިފުތިތާޙްކޮށްފައެވެ.

މީގެ އިތުރުން، މީގެ ކުރިން ކުރިއަށް ގެންދިޔަ "އަވަސްވެގެންނާށެވެ 1447" ޕްރޮގްރާމާއި "ކާދު 100" ޕްރޮގްރާމް ފުރިހަމަކުރި ގައިދީންނާއި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ހަސަން ޒަރީރު އާއި ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.