ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ މީހަކާއި ދިމާލަށް އިސްތިއުފާ ގޮވުމަކީ އާދައިގެ ކަމެއް ކަމަށާއި އިސްތިއުފާއަށް ގޮވައިލި ނަމަވެސް ކަންބޮޑުވެ ވަޑައި ނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އދ. ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ ހެނދުނު ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިޔަކު ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ޑިމޮކްރަސީއެއްގައި އިސްތިއުފާއަ ށްވެސް ގޮވާނެ ކަމަށާއި އެއީ އާދައިގެ ކަމެއް ކަމަށެވެ.

"ޑިމޮކުރަސީއެއްގައި އުޅޭއިރު އިސްތިއުފާއަށް ގޮވާނެ. އެއީ އާދައިގެ ކަމެއް. މީގެ ކުރިންވެސް އިސްތިއުފާއަށް ގޮވާ. އެހެންވީމަ އަޅުގަނޑު ކޮންމެހެން މި މަގާމުގައި ހުންނައިރު އިސްތިއުފާ ގޮވާއިރަށް އަޅުގަނޑު ނުޖެހޭ ކަންބޮޑުވާކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ހިމެނޭ ބައެއް ޕާޓީތަކުގެ ބޭފުޅުން އެމަނިކުފާނު އިސްތިއުފާ ގޮވައިލެއްވި ނަމަ ވެސް ކޯލިޝަން އޮތީ ސާބިތުކަމާއެކު ކަމަށާއި ހުރިހާ ފާޓީތަކާ ވެސް ވާހަކަފުޅު ދައްކަވާ ކަމަށެވެ.

"އަޅުގަނޑުމެން ކޯލިޝަން އޮތީ ވަރަށް ވަރުގަދަ ކޮށް!"

ރައީސް މި މޭރުމުން ވާހަކަ ދެއްކެވީ ސަރުކާރުގައި ހިމެނޭ ޑީއާރްޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް ރައީސް ވަހީދު އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައި ވަނިކޮށެވެ.