އެމްބާޕޭގެ ރެކޯޑާއެކު ފްރާންސް ގަދަ 16 އަށް، ކުއާޓާގެ ޖާގައަކަށް ޕެރަގުއޭއާ ދެކޮޅަށް
އެމްބާޕޭގެ ރެކޯޑާއެކު ފްރާންސް ގަދަ 16 އަށް، ކުއާޓާގެ ޖާގައަކަށް ޕެރަގުއޭއާ ދެކޮޅަށް

ކީލިއަން އެމްބާޕޭގެ ރެކޯޑު ލަނޑުތަކާއެކު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުން ފްރާންސް ޖާގަ ހޯދަައިފިއެވެ.

ނިއު ޖާޒީގެ ގަދަ ހޫނުގައި ކުޅުނު މެޗުން ފްރާންސް މެޗު ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުން ސްވިޑަން ބަލިކޮށްގެންނެވެ.

މި މެޗުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ޖަހައި ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ. މީގެ އިތުރުން މި މުބާރާތުގެ ރަން ބޫޓުގެ ރޭހުގައި އާޖެންޓީނާގެ ލިއޮނަލް މެސީއާއެކު އެމްބާޕޭ މިހާރު އުޅެނީ ހަ ލަނޑާއެކު ކުރީގައެވެ.

ފްރާންސްގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، އޮސްމާން ޑެމްބެލޭ ދިން މޮޅު ޕާހަކުން އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ.

އޭގެކުރިން އޭނާ ޖެހި ލަނޑެއް އޮފްސައިޑްވިއިރު، މައިކަލް އޮލީސޭއާއި ޑެމްބެލޭ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ސްވިޑަންގެ ކީޕަރު ޔާކޮބް ވިޑެލް ޒެޓަސްޓްރޮމް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސްވިޑަންގެ އެލިއަޓް ސްޓްރައުޑަށް ނަތީޖާ ހަމަހަމަކުރަން ރަން ފުރުސަތެއް ލިބި ބޭކާރުވިއެވެ.

ފްރާންސް ކީލިއަން އެމްބާޕޭ ލަނޑުޖަހަނީ--

ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރެޑްލީ ބާކޯލާ ވަނީ ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދީ، ސްވިޑަންގެ އުންމީދުތައް ފަނޑުކޮށްލާފައެވެ.

މެޗުގެ 74 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ފްރާންސްގެ މޮޅު ކަށަވަރުކޮށްދީފައެވެ. މެޗުގެ ފަހުކޮޅު ސްވިޑަންގެ އާސެނަލް ފޯވާޑް ވިކްޓަ ގްޔޮކެރެސްއަށް ލަނޑެއް ޖަހަން ލިބުނު ފުރުސަތު ފްރާންސްގެ ކީޕަރު މައިކް މައިންގްނާން ވަނީ ހުއްޓުވާފައެވެ.

މި މޮޅާއެކު ފްރާންސް ދެން ބައްދަލުކުރާނީ ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކުރި ޕެރަގުއޭއާއެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ފިލަޑެލްފިއާގައެވެ.