22 Sep 2012, 15:08
ކޯނީގެ ރިޕޯޓް ތަންފީޒު ނުކުރާ ކަމަށް ބުނެ، މަޖިލިސް ހުއްޓުވުމުގެ ފުރުސަތު އެމްޑީޕީ އަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ކޯނީގެ ރިޕޯޓްގެ ސަބަބުން ރައްޔިތުންގެ މަޖިލިސް ހުއްޓާލަން ޖެހުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި ރިޕޯޓްގައި މައްސަލަ ތަކެއްވާނަމަ ކަމާއި ބެހޭ މުއައްސަސާ ތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށެވެ. ކޯނީގެ ރިޕޯޓުގައިވާ މައްސަލަތައް މިހާރު ވެސް ކަމާއި ބެހޭ މުއައްސަސާތަކުން ބަލަމުން ގެންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓްގައިވާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލަން އެމްޑީޕީ އިން ބޭނުންވާނަމަ މަޖިލީހުގައި އެފަދަ މައްސަލަތައް ބަލަން ކަނޑައެޅިފައިވާ ކޮމެޓީތަކަށް ހުށަހަޅަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށާއި ރިޕޯޓް މައްސަލައަކަށް ހަދައިން މަޖިލިސް ހުއްޓުވުމުގެ ފުރުސަތު އެމްޑީޕީ އަށް ނުދެއްވާނެ ކަމަށް ޔަމީން ވިދާޅުވީ އެވެ. އަދި ވިދާޅުވީ ތަފާތު އެކި ބަހަނާ ދައްކައިގެން މަޖިލިސް ހުއްޓުވުމުގެ އެއްވެސް ގާނޫނީ ހުއްޖަތެއް އެމްޑީޕީއަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީއިން ކޯނީގެ ރިޕޯޓުގައިވާ މައްސަލަތައް ބަލަން ބޭނުންވާނަމަ އެންމެ ފުރަތަމަ ބަލަން ޖެހޭނީ ރައީސް ނަޝީދު، ގާނޫނު އަސާސީއާއި ހިލާފަށް ފުލުހުންނާއި ސިފައިންނަށް ކޮށްފައިވާ އަމުރުތަކާއި ގާނޫނުއަސާސީ އާއި ހިލާފަށް ކޮށްފައިވާ ކަންތައްތައް ކަމަށާއި އެމްޑީޕީއިން އެ ޕާޓީއަކީ އިދިކޮޅު ޕާޓީތޯ ނުވަތަ ނޫންތޯ ބެލުމަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ދިއުން ރަނގަޅުވާނެ ކަމަށެވެ. ސަބަބެއް ކަމަށް ޔާމީން ވިދާޅުވީ ރިޔާސީ ނިޒާމެއްގައި މަޖިލީހުގައި މުހިންމީ އިދިކޮޅު ޕާޓީ ނޫން ކަމަށާއި މުހިންމީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު ކަމަށެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ ވިދާޅުވީ ރައްޔިތުންގެ މިޖިލިސް ހުއްޓިފައި މިއޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ސަބަބުން ނޫން ކަމަށާއި މައްސަލައަކީ ކޯނީ ރިޕޯޓުގެ މައްސަލަ ކަމަށެވެ.
އިންތިޔާޒް ވިދާޅުވީ ކޯނީގެ ރިޕޯޓުގައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ރިޕޯޓުގައިވާ މައްސަލަތައް މަޖިލީހުގެ ތެރެއިން ބެލެން ޖެހޭނެ ކަމަށެވެ. އަދި އެއަށްވުރެ ބޮޑު ގައުމީ މައްސަލައެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލިސް ސުލްހަވެރި ކަމާއިއެކު ކުރިއަށް ގެންދިއަމަށްޓަކައި ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ މަޖިލިސް ކުރިއަށް ގެންދިއުމަކީ ނުވާނެ ކަމެއް ކަމަށެވެ.
"ސަރުކާރު ހިންގަނީ ކޮން ޕާޓީ އަކުންތޯ ނަވަތަ އިދިކޮޅު ޕާޓީ އަކީ ކޮބައިކަން ނޭނގިގެން އަދިވެސް އެއޮތީ ރިޔާސީ ބަޔާނަށް ވެސް ޖަވާބުދާރީ ނުވެވި. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ޖެހޭ ބިލްތައް ވެސް ހުށަހެލޭނީ ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު ޕާޓި ވަކި ކުރެވިގެން،"އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް މުހިންމު ބިލްތަކެއް ހުރިކަން ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް ކޯނީގެ ރިޕޯޓްގައިވާ މައްސަލަތައް ނުބެލި ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމަކީ ފެންނަ ކަމެއް ނޫން ކަމަށެވެ. ކޯނީގެ ރިޕޯޓުގައިވާ މައްސަލަ ތަކަކީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާ މައްސަލަ ތަކެއް ކަމަށާއި އެހެން ކަމުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އެކަމުގެ ޒިންމާ އަދާ ކުރަން ޖެހޭނެ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
އަންނަ ހަފުތާގެ ހޯމަ ދުވަހު މަޖިލިސް ހުޅުވަން ހަމަޖެހިފައިވާއިރު، މަޖިލީހުގެ ޗުއްޓީގެ ތެރޭގައި މިހާރު ދަނީ ކޮމެޓީތަކުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ ހަފުތާގެ ތެރޭގައި ވެސް ނުވަ ކޮމެޓީއެއްގެ ބައްދަލުވުން ބާއްވާފައިވެ އެވެ.