މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި ބޭންކް އޮފް މޯލްޑިވްސްއިން އާ ޕްރޮޑަކްޓްތަކެއް ތައާރަފްކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ މި އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ ދެއަކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެކްސްޕޯގައި ތައާރަފްކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް ޕްރޮޑަކްޓަކީ ކާޑު ބޭނުންކޮށްގެން ތަކެތި ގަތުމަށްފަހު އެއަށް ފަހުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ޚިދުމަތެކެއް ކަމަށެވެ. އެއީ ބޭންކުގެ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފްކުރާ ޚިދުމަތެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުން ބޮޑެތި ޚަރަދުތައް ކުރާއިރު އެއްފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެން ދާނެކަމަށާއި، މިއީ ރާއްޖޭގެ ބޭންކިން ދާއިރާގައި ކަސްޓަމަރުންނަށް ލިބޭނެ އިތުރު ލުޔެއްގެ ގޮތުގައި ބެލެވޭ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން އިންތިޒާމުކުރާ ފައިނޭންސް އެކްސްޕޯއަކީ މާލީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޚިދުމަތްތަކާއި އާ އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ.

ބީއެމްއެލްއިން މި އެކްސްޕޯގައި ބައިވެރިވެ ކަސްޓަމަރުންނަށް ބޭނުންވާނެ ތަފާތު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.