ކުރީގެ ނޫސްވެރިޔާ އަދި މަޝްހޫރު ތާރީހު ލިޔުންތެރިޔާ ސިއްކަގޭ މުހައްމަދު ނަސީމް، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިތްޒަތު ވެރިޔާ (ނދޝޢ) އަވަހާރަ ވުމާއި ގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސަން މީޑިޔާގެ ގްރޫޕްގެ ސަން މެގަޒިންގެ ލިޔުންތެރިޔާ، ނަސީމްގެ ހުވަފަތް އަނބިކަނބަލުން ސަބީހާ އަހުމަދު ދިދީ އަށް ރައީސް ވަހީދު ފޮނުއްވި ތައުޒިޔާގެ ސިޓީގައި، އެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ނަސީމްގެ އަނބިކަނބަލުންނަށާއި އާއިލާއަށް ވަރަށް އިޚުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައި ވެއެވެ.

ރައީސްގެ ސިޓީގައި މަރުހޫމް ނަސީމަކީ އެތަކެއް އަހަރުވަންދެން ތަފާތު އެކި ރޮނގުރޮނގުން ވަރަށް އިޚުލާސްތެރިކަމާއި އެކު ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމުގައި ފާހަގަކޮށްފައި ވެއެވެ. އަދި ނަސީމް ފަދަ ގައުމަށް އިޚުލާސްތެރި، ޚިދުމަތްތެރި ބޭފުޅަކު އަވަހާރަވުމަކީ މި ގައުމަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމުގައިވެސް ރައީސްގެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އުމުރުފުޅުން 71 އަހަރުގެ ނަސީމް އަވަހަރާވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުވުމަށްފަހު ހާލުކޮޅު ދެރަވުމުން ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ބުދަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އަނބިކަނބަލުންގެ އިތުރުން އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބައިންނެވި އެވެ.

އަމީރު އަހްމަދާއި މަޖީދިއްޔާގައި ތައްލީމު ހާސިލް ކުރައްވައި މުޅި މަދްރަސާއިން އެއް ވަނަ ހޯދާ ދަރިވަރަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު ސަރުކާރުން އިއުލާން ކުރުމުން ފުރަތަމަ ފަހަރަށް އެއް ވަނަ ހޯއްދެއްވި ނަމަވެސް، އެފުރުސަތު ލިބިވަޑައެއް ނުގަތްނެވި ނަސީމަކީ ރާއްޖޭގެ ނޫސްވެރި ކަމަށާއި ތައްލީމީ ދާއިރާ އާއި ރާއްޖޭގެ ތާރީހަށާއި ވަރަށް އަގުހުރި ޙިދްމަތްތަކެއް ކޮށްދެއްވި، އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ބޭފުޅެކެވެ.

ނަސީމްގެ ހިދުމަތްތަކުގެ ތެރޭގައި މާދޫގޭ އަލީ އަހްމަދާއެކު "މޯނިންގ ޕޯސްޓް" ނޫހާއި "ވަގުތު" ނޫސް ނެރުއްވުމުގެ އިތުރުން މަދްރަސަތުލް އާލިޔާގެ ކުޑަކުދިންގެ ކްލާސްތައް ހިންގެވި އެވެ. އޭރު ނަސީމް ދެނެވަޑައިގަންނަވާ ގޭގެއަށް ވަޑައިގެން ބެލެނިވެރިންނާ ބައްދަލްކުރައްވައި، ކްލާސް އުފައްދާ ވާހަކަ އިޝްތިހާރު ކުރައްވައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކްލާސް އުފެއްދެވުމުގައި، އަލީ އަހްމަދު އަރިހުގައި މަސައްކަތް ކުރެއްވި މޭސްތިރިއަކީ ނަސީމެވެ.

އާލިޔާ ތަރައްގީ ކުރެއްވުމަށް ފަހު އައްޑުއަތޮޅު ހިތަދޫގައި މަދްރަސަތުލް ޙުސައިނިއްޔާ އުފައްދަވައި، ނަސީމުގެ ނާޒިރު ކަމުގައި 900 އަށް ވަރަކަށް ދަރިވަރުންނަށް ތައްލީމް އުނގަންނައި ދެއްވުމަށްފަހު އައްޑޫ އިންގްލިޝްސްކޫލްގެ ނަމުގައި ހިތަދޫގައި ސްކޫލެއް އުފައްދައި ރާއްޖެއިން ބޭރުން ޕްރިންސިޕަލުންނާއި ޓީޗަރުން ގެންނަވައިގެން އެ ސްކޫލް ހިންގެވި އެވެ.

ހަޔާތުގެ ބޮޑުބައިގައި ނަސީމް ޙިދުމަތް ކުރެއްވީ ތަޢްލީމަށް ކަމަށް އެމަނިކުފާނަކީ ރާއްޖޭގައި އެއްވެސް ބާވަތެއްގެ އިންސާނީ ހައްޤަކަށް އެއްވެސް ޙުރުމަތެއް ނުބަހައްޓާކަން ފާހަކޮށް ރާއްޖޭގެ އިންސާނީ ހައްގުތަކާއި ހާލަތު ބަޔާންކޮށް ރިޕޯޓް އެކުލަވައިލައްވާ އެކަންކަން ފުރަތަމަ ފަހަރަށް ބޭރު ދުނިޔޭގެ ސަމާލު ކަމަށް ގެންނެވި ބޭފުޅާ އެވެ.

ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ރާއްޖޭގައި ވާނުވާ ނޭނގި ޖަލައްލުމާން ފެށުމާއެކު ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް "ދިވެހި ގައުމު" ގެ ނަމުގައި ނަސީމް ހިންގެވި ސިއްރު ހަރަކާތްތަކެއްގެ ސަބަބުން 1967 ވަނަ އަހަރު ޖަލުގައި ހައްޔަރުކޮށް 11 މަސްދުވަހު ޖަލުގައި ބެހެއްޓެވި އެވެ. އޭރު ޖަލުގައި ކުރަމުންދިޔަ ބޮޑެތި އަނިޔާތަށް ދެކެވަޑައިގެން އެހުރިހާ ވާހަކައެއް އިނގިރޭސި ބަހުންނާއި އަރަބި ބަހުން ލިޔުއްވައި އެމްނެސްޓީ އިންޓަނޭޝަނަލަށް ފޮނުއްވެވި އެވެ.

މިއީ މިފަދަ ރިޕޯޓެއް ބައިނަލްއަގްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާއަތައް އެންމެ ފުރަތަ ފޮނުއްވައި، އެކަން ބައިނަލްއަގްވާމީ ސަމާލުކަމަށް ގެންނެވި ބޭފުޅަކީ ނަސީމެވެ.