ހިމަބިހި ޖެހުނު މީހުންގެ އަދަދު 66އަށް، ގިނައީ ދިވެހީން
ހިމަބިހި ޖެހުނު މީހުންގެ އަދަދު 66އަށް، ގިނައީ ދިވެހީން

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ޖެހުނު މީހުންގެ ޖުމްލަ އަދަދު 66އަށް އަރައިފިއެވެ.

ހިމަބިހި ޖެހުނު މީހުންގެ އަދަދު 66އަށް، ގިނައީ ދިވެހީން
ހިމަބިހި ޖެހުނު މީހުންގެ އަދަދު 66އަށް، ގިނައީ ދިވެހީން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ނަމަވެސް ބަލި ޖެހުނު ދިވެހީންގެ ސީދާ އަދަދެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

މިހާތަނަށް ހިމަބިހީގެ 66 ޕޮޒިޓިވް ކޭސް ދެނެގަނެވިފައިވާއިރު، އޭގެ ތެރެއިން 13 ކޭސް އަކީ އެކްޓިވް ކޭސްތަކެވެ. އަދި ބަލި ޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ އެކްޓިވް ކޮންޓެކްޓުންގެ އަދަދު މިހާރު ހުރީ 258 ގައެވެ.

އެޗްޕީއޭއިން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގެ ތެރެއިން ހިމަބިހީގެ ކޭސްތަކާ ގުޅިގެން ދިން އެންމެފަހުގެ މައުލޫމާތު -- ސަން ފޮޓޯ

ބަލި ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާތަނަށް 569 ލެބޯޓްރީ ޓެސްޓު ހަދާފައިވެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް މިހާރު ވަނީ ގާއިމުކޮށްފައެވެ. މީގެ ބޭނުމަކީ ބަލި ޖެހިފައި ހުރި ކަމަށް ޝައްކުކުރެވޭ މީހުން ވީހާވެސް އަވަހަށް ދެނެގަނެ ރިޕޯޓުކުރުމެވެ.

ވެކްސިން ދިނުމުގެ ކެމްޕޭނަށް ބަލާއިރު، ބަލި ޖެހުނު މީހުންނާ ދިމާވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ 2,048 މީހަކަށް މިހާތަނަށް ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ޚިދުމަތްތެރިއަކަށް ވެސް ވަނީ ހިމަބިހި ވެކްސިން ދީފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައިވަނީ މިދިޔަ މިމަހުގެ 18ގައިއެވެ.

ހިމަބިހި ޖެހުމުން ފެންނަ ބިހި: ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 66އަށް އަރައިފައި --

ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖޭން ފެނިފައިވެއެވެ.

ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.

ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ 'ސިއްހަތު ބްލޮގް'ގައިވާ ގޮތުން، އެ ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުންނާއި، އެ ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުންނެވެ. އަދި ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުމަކީ ވެސް، މަދުން ނަމަވެސް ހިމަބިހި ޖެހޭ ގޮތެއް ކަމަށް ލިޔުއްވާފައިވެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:

  • ގަދަޔަށް ހުން އައުން

  • ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން
  • ކިނބިހިއެޅުން
  • ކަރުތެރެ ހަލާކުވެ ފާރުވުން
  • ކެއްސުން
  • ވަރުބަލިވުން
  • ނުތަނަވަސްވުން
  • ގައިގައި ނުވަތަ މަސްތަކުގައި ރިހުން
  • ކާހިތްނުވުން

ޑރ. ޢަބްދުލް ޢަޒީޒުގެ ބްލޮގްގައިވާ ގޮތުން، ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ނަގަނީ ނިއްކުރި މަތިން ގޮސް ބޮލުގެ އިސްތަށި ފެށިފައި ހުންނަ ހިސާބުންނެވެ.

ޞިއްޙީ މާހިރުން ވަނީ، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ.