ބައްތިރީސް ކުޅުންޔެރިންނާއެކު، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެއިޓް ބޯލްސް ޗެންޕިއަންޝިޕް ފަށައިފި އެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އިސްމާއިލް ސުވެއިދު ބުނީ، މިމަހުގެ 20 އިން 26 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ރޭންކިންގައި އެކަކުން 16 އަށް ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ވާދަކުރާ ކަމަށެވެ. އަދި މި މުބާރާތުގައި ވާދަކުރަނީ ސޯޅަ އަހަރުން މަތީގެ ކުޅުންތެރިންކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެއިޓް ބޯލްސް ޗެންޕިއަންޝިޕް ކުޅެވެނީ ޖުމްލަ 32 ކުޅުންތެރިންގެ މައްޗަށް ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ.

މި މުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅުގައި ހުންނަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގަ އެވެ.