ރާޖާމޮލީގެ ތާރީޚީ ފިލްމުން 3،500 ޖޫނިއާ އާޓިސްޓުން ފެންނާނެ
ރާޖާމޮލީގެ ތާރީޚީ ފިލްމުން 3،500 ޖޫނިއާ އާޓިސްޓުން ފެންނާނެ

އަންނަ އަހަރު އިންޑިއާގެ ސިނަމާތަކަށް އަންނާނެ އެންމެ ވަރުގަދަ ފިލްމަށްވާނެ ކަމަށް ބެލެވޭ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ ފިލްމު "ވަރަނަސީ"އިން 3،500 ޖޫނިއަ އާޓިސްޓުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމުގެ މަސައްކަތަށް އަހަރަކަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާއިރު، އަންނަ މަހު ފިލްމުގެ ވަރަށް މުހިއްމު ޝެޑިއުލްތަކެއް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މި ފެށޭ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އިންޑިއާގެ ހައިދަރުއާބާދުގައި ކުރިއަށްގެންދާ ޝޫޓިންގްގައި 3،500 ޖޫނިއަ އާޓިސްޓުން ބައިވެރިވާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބޮލީވުޑްހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި މަންޒަރުތަކަކީ ފިލްމު "ވަރަނަސީ"ގައި ހިމެނޭ ތާރީޚީ މުހިއްމު ހަނގުރާމައަކާ ގުޅުންހުރި މަންޒަރުތަކެކެވެ. އެހެންވެ ހަނގުރާމައިގެ މައިދާނުގައި ކުރިއަށްދާ މަންޒަރުތަކަށް ޖުމްލަ 3،500 ޖޫނިއަ އާޓިސްޓުން ބޭނުންކުރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފިލްމު "ވަރަނަސީ"ގެ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ޖޫނިއަ އާޓިސްޓުންނާ އެކު ފިލްމުގެ ލީޑް ތަރިންގެތެރޭ ހިމެނޭ ދެކުނު އިންޑިއާގެ އެކްޓަރު މަހޭޝް ބާބޫވެސް ބައިވެރިވާނެއެވެ. ފިލްމު "ވަރަނަސީ"ގެ ޝޫޓިންގް އަލުން ފަށަން ނިންމާފައި ވާއިރު، ދާދިފަހުން ފްރާންސްގައި ބޭއްވި ފިލްމު ފެސްޓިވަލެއްގައި އެ ފިލްމުގެ ބައެއް މަންޒަރުތައް ވަނީ އާއްމުންނަށް ދައްކާލާފައެވެ.

މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެތެރޭ، ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހިމެނެއެވެ. މިއީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދިގު މުއްދަތަކަށް އިންޑިއާގެ ފިލްމުތަކާ ދުރުގައި ހުރުމަށްފަހު އެނބުރި އަންނަ ފިލްމެވެ.

އަންނަ އަހަރު ގެ އޭޕްރީލް މަހު ހަތެއްގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް މި ފިލްމު ގެނެސްދޭން ނިންމާފައި ވަނީ، ދެ ބަޔަކަށް ބަހާލައިގެންނެވެ.

ޖުމްލަ 1،4000 ކްރޯޑު ރުޕީސްގެ ބިޔަ ބަޖެޓަކުން އުފައްދާ މި ފިލްމު ދެ ބަޔަކަށް ބަހާލުމުގެ މައިގަނޑު އެންމެ ބޮޑު އެއް ބޭނުމަކީ ފިލްމުގައި ގެނެސްދޭ މައުޟޫއަށް އެއްވެސް އުނިކަމެއް ނެތި ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ރާޖާމޮލީގެ ޓީމާ ހަވާލާދީ ފިލްމީ ޚަބަރުތައް ބުނެއެވެ.