ފިލްމު 'އާވާރާޕަން 2'ގެ ޓީޒާ ދައްކާލައިފި
ފިލްމު 'އާވާރާޕަން 2'ގެ ޓީޒާ ދައްކާލައިފި

މި އަހަރުގެ އޯގަސްޓް މަހުގެ ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ އެކްޓަރު އިމްރާން ހާޝްމީގެ ފިލްމު "އާވާރާޕަން 2"ގެ ޓީޒާ ދައްކާލައިފިއެވެ.

ބިލާލް ސިއްދީގީގެ ސްކްރިޕްޓަކަށް ތައްޔާރުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ، ނިތިން ކައްކަރެވެ. މުކޭޝް ބަޓްގެ ދަރިފުޅު ވިޝޭޝް ބަޓް ޕްރޮޑިއުސްކުރާ މި ފިލްމު އުފައްދަނީ ވެސް ބަޓް އާއިލާގެ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސް ބެނާގެ ދަށުންނެވެ.

ފިލްމުގެ ޓީޒާގެ މަންޒަރުތަކާ އެކު ގެނެސްދިނީ ވަރަށް ޖަޒުބާތީ މެސެޖެއް ކަމަށާއި "އާވާރާޕަން 2"އަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

އިމްރާން އަދި ބަތަލާގެ ރޯލްއިން ދިޝާ ޕަޓާނިއާ ފެންނާނެ މި ފިލްމުގެ ޓީޒާއާ އެކު ދޫކޮށްލި މެސެޖުގައި ބުނެފައި ވަނީ "ބައެއް މީހުންގެ ދިރިއުޅުމުގެ ވާހަކައަށް ނިމުން އަންނާނީ އެމީހުން ބޭނުންވާ ގޮތަކަށް ނޫން، ނަމަވެސް އެއީ އެހެން މީހުންނަށް ފިލާވަޅަކަށް ފުދޭނެ ފަދަ ނިމުމަކަށްވާ" ކަމަށެވެ.

ފިލްމު "އާވާރާޕަން 2"ގެ ޓީޒާގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

އިމްރާނާއި ދިޝާގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ކުރީގެ މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީ ވެސް ފެންނާނެއެވެ. ޝަބާނާ ފެންނާނީ ބަތަލާގެ ދިގު ފިލްމީ ކެރިއަރުގައި ކުޅޭ ފުރަތަމަ ނެގެޓިވް ނުވަތަ ވިލެންގެ ރޯލްއިންނެވެ.

ފިލްމު "އާވާރާޕަން 2" އަކީ އިމްރާނާއި ބަތަލާ ޝްރިޔާ ސަރަންއާ އެކު ޑައިރެކްޓަރު މޯހިތު ސޫރީ ވިޝޭޝް ފިލްމްސްއަށް ޑައިރެކްޓްކުރި ފިލްމު "އާވާރާޕަން"ގެ ސީކުއަލްއެކެވެ. މީގެ 19 އަހަރު ކުރިން ރިލީޒްކުރި އެ ފިލްމަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނުއިރު ފިލްމުގެ މިއުޒިކުވެސް ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ފިލްމު "އާވާރާޕަން 2" ސިނަމާތަކަށް ގެންނާނީ އޯގަސްޓް މަހުގެ 14 ވަނަ ދުވަހެވެ.