މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީއިން ނިންމައިފިއެވެ.

މިކަމާ ގުޅުވާ މިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ އަދި ޝައުގުވެރިވާ މީހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ރަށު ކައުންސިލްތަކާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްތަކުގެ މަގްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކޮށް މަހާއި މަހުގެ އަގުއެއްކުރި އުފެއްދުންތައް އިތުރުކޮށް އިތުރު މާކެޓްތައް ހޯދުމާއި އައު މަސްވެރިކަން ތާރަފްކޮށް އެކަން މަސްވެރިކަމަށް ޝައުގުވެރިވާ މީހުންނަށް ދަސްކޮށްދިނުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށު ފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރުމާއި ތަކެތި ތައްޔާރުކުރުމަށް ތަމްރީނުދީ އަހުލުވެރިކުރުވުމަކީ ވެސް މި ޕްރޮގްރާމުގެ މަގްސަދެއްކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެގޮތުން މި އަހަރު މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުރު ތަމްރީނުތަކުގެ ތެރޭގައި ހިމެނެނީ:

  • ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) މަސްވެރިކަމުގެ ތަމްރީން

  • އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން

މިނިސްޓްރީއިން ވަނީ މި ތަމްރީނުތައް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން އަންނަ ޖުލައިމަހުގެ 15 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ ރަށެއްގައި ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ތަމްރީނު ފާހަގަކޮށް ސިޓީއެއް މެދުވެރިކޮށް މިނިސްޓްރީއަށް އެކަން އެންގުމަށް އެދިފައެވެ. އަދި ކައުންސިލްގެ ފަރާތުން އެކަމުގައި ހަރަކާތްތެރިވާނޭ ފަރާތެއްގެ މައުލޫމާތު ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

މިނިސްޓްރީއިން ވަނީ މި ޕްރޮގްރާމްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްްރީގެ ނަމްބަރު 3033426 ނުވަތަ 3339276 އަށް ގުޅުއްވުމަށް އެދިފައެވެ.