19:00


މަގު ހުރަސްކުރަން އުޅެނިކޮށް ފުލުހުންގެ ސައިކަލަކުން ޖެހި ކުޑަކުއްޖަކު ޒަހަމްވެ، 52 އަހަރުގެ އަންހެނަކު މަރުވި މައްސަލައިގައި، ސައިކަލު ދުއްވަން އިން ފުލުސް މީހާއާ މެދު ފިޔަވަޅެއް ނޭޅުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ފުލުސް މީހާ ތަހުގީގަށް ހައްޔަރުކޮށް މިހާތަނަށް ބެލިބެލުމުން ފުލުސް މީހާ ސައިކަލު ދުއްވާފައި ވަނީ ކޮންޓްރޯލްނުކުރެވޭ ވަރަށް ބާރު ސްޕީޑުގައި ނޫންކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި އެކްސިޑެންޓުވީ ހިސާބުން ފެށިގެން ފުލުސް މީހާ ފިލަން މަސައްކަތްކޮށްފައިނުވާ ކަމަށާއި އެ އަންހެން މީހާ އަށް އެހީތެރިކަން ދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި އެކަން ކަމަށް ބަލައި ޑިސިޕްލިނަރީ ބޯޑުން ފުލުސް މީހާއާ މެދު ފިޔަވަޅު އަޅަން ބޭނުންނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.


އޮފިޝަލު ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.


މާލޭ ހިޔާ- 2 ކައިރި ބުރުޒު މަގާއި ކޮއިމަލާ ހިނގުމާ ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި އަންގާރަ ދުވަހުގެ ރޭ 9:15 ހާއިރު ހިނގި އެ އެކްސިޑެންޓްގައި ސައިކަލުން ޖެހިގެން ޒަހަމްވި އަންހެން މީހާ މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.


މި ހާދިސާގައި ކުޑަކުއްޖާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ވަނީ ގޮސްފަ އެވެ. ނަމަވެސް އެކުއްޖާއަށް އައި.ޖީ.އެމް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.