29 Jun 2026, 09:15

ބޮޑު ސްކްރީނުން ފިލްމު ބަލައިލުމުން ލިބޭ ތަޖުރިބާ އަކީ ތަފާތު އެހެން އެއްވެސް ކަމެއް ނުބައްދަލުވާނެ ކަމަކަށްވާތީ ކޮންމެ ޖޯންރާއެއްގެ ފިލްމެއް ނަމަވެސް ސިނަމާތަކަށް ގޮސް ފިލްމު ބެލުމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އިލްތިމާސްކޮށްފިއެވެ.
އަނަންޔާގެ އެންމެ ފަހުން ނެރުނު ދެ ފިލްމު ކަމަށްވާ "ޗާންދު މޭރާ ދިލް" އަދި "ތޫ މޭރީ މޭ ތޭރާ" އަށް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބީއެއް ނުލިބުނު ނަމަވެސް، އޭނާއަކީ އަދިވެސް ފިލްމު ބެލުމަށް ލޯބިކުރާ، ތަފާތު ޖޯންރާތަކުގެ ފިލްމުތައް ސިނަމާގައި ބަލަން ބޭނުންވާ މީހެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި އަނަންޔާ ބުނީ، ކޮންމެ ފިލްމަކީ ވެސް އެ ފިލްމުގެ އުފެއްދުންތެރިން ކުރާ ވަރަށް ދިގު ދަތުރެއް ކަމަށާއި ބޮކްސް އޮފީހުން ނެރެވޭ ނަތީޖާއަށް ބެލުމެއް ނެތި ފިލްމުތަކަށް އާންމުންގެ ލޯބި ލިބޭކަން ފާހަގަކުރެވޭ ކަމަށެވެ.

ފިލްމު "ޗާންދު މޭރާ ދިލް"ގެ މަންޒަރެއްގައި އަނަންޔާ އަދި ލަކްޝް--ފޮޓޯ/ޖީކިއުއިންޑިއާ
ފިލްމު "ސްޓޫޑަންޑް އޮފް ދަ އިޔަ 2"އިން ބޮލީވުޑަށް ތައާރަފްވި ބަތަލާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ޑައިރެކްޓަރު އިމްތިއާޒް އަލީ އުފައްދާ އަދި ރަސްމީކޮށް އިއުލާނު ނުކުރާ ފިލްމެއް ހިމެނެއެވެ.
މީގެއިތުރުން 2024 ވަނަ އަހަރު އެމެޒޯން ޕްރައިމްއިން ގެނެސްދިން ވެބް ސީރީސް "ކޯލް މީ ބޭ"ގެ ދެ ވަނަ ސީޒަން ވެސް މި އަހަރުތެރޭ އެ ޕްލެޓްފޯމަށް އަންނާނެކަން ވަނީ އިއުލާނުކޮށްފައެވެ.