އަހަރުތަކަކަށްފަހު އިމްރާންގެ ބިރުވެރި ފިލްމެއް
އަހަރުތަކަކަށްފަހު އިމްރާންގެ ބިރުވެރި ފިލްމެއް

މީގެކުރިންވެސް މަގުބޫލު ބިރުވެރި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ އަނެއްކާވެސް އެ ޖޯންރާގެ ފިލްމަކަށް ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފިއެވެ.

އަންނަ އަހަރުގެ މެދުތެރޭ ގެނެސްދޭން ނިންމާފައިވާ މި ފިލްމުގެ ނަމަކީ "ރޫހް"އެވެ.

މަޔަންކް ޝަރްމާ ޑައިރެކްޓްކުރާ މި ފިލްމަކީ 2013 ވަނަ އަހަރު ރިލީޒްކުރި "އޭކް ތީ ދާޔަން"އަށް ފަހު، އިމްރާން އަލުން ބިރުވެރި ފިލްމެއްގެ މަސައްކަތަށް އެނބުރި އަންނަ ފިލްމެވެ. މި ފިލްމު އަންނަ އަހަރުގެ ތެރޭގައި ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން ސިނަމާތަކަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސް މެދުވެރިކޮށް ފިލްމުގެ ފުރަތަމަ ޓީޒާ ހިއްސާކުރަމުން އިމްރާން ބުނެފައިވަނީ، މިއީ ހީވެސް ނުކުރާ ފަދަ ބިރުވެރި ހާދިސާތަކެއް އެކުލެވޭ، އަދި އޭގެ ހަނދާންތައް މުޅި އުމުރަށް ދެމިހުންނާނެ ކަހަލަ ފިލްމެއް ކަމަށެވެ.

އިމްރާންގެ ފިލްމު "އާވާރާޕަން 2"ގެ ބަތަލާ ދިޝަ ޕަޓާނީއާ އެކު--ފޮޓޯ/އެންޑީޓީވީ

މި ޓީޒާ ފެށިގެން އަންނަނީ ޖަންގަލީގެ ތެރޭގައި ކުއްޖެއްގެ ފުރާނަނެތް މަސްގަނޑު ވައިގެ ތެރޭގައި އޮންނަ މަންޒަރަކުންނެވެ. އަދި ޓީޒާ ނިމިގެންދަނީ އިމްރާންގެ ކެރެކްޓަރުގެ ކުޑަ މަންޒަރަކުންނެވެ.

މީގެ ކުރިންވެސް އިމްރާން ވަނީ "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް"، "ރާޒް 3"، އަދި "ރާޒް ރީބޫޓް" ފަދަ ކާމިޔާބު ބިރުވެރި ފިލްމުތަކުން ފެނިގެން ގޮސްފައެވެ. ވިޝާލް ކަޕޫރާއި މަޔަންކް ޝަރްމާ ލިޔެފައިވާ "ރޫހް"ގެ އިތުރު ކާސްޓުންގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

އިމްރާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ 2007 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "އާވާރާޕަން"ގެ ސީކުއަލް "އާވާރާޕަން 2" އިންނެވެ. ނިތިން ކައްކަރް ޑައިރެކްޓްކޮށް، ބިލާލް ސިއްދީގީ ލިޔެފައިވާ މި ފިލްމު އޮގަސްޓް 14ގައި ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.