22 Sep 2012, 12:06
ފުވައްމުލަކު ބަނދަރުގައި އަޅާފައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ ދަންވަރު 1:45 ހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
ސަފާރީގައި ރޭ އަލިފާން ރޯވިއިރު އޭގައި އެ ސަފާރީ ބެލެހެއްޓުމަށް އޭގައި ދެ ބިދޭސީއަކު ނިދާފައި އޮތެވެ. ނަމަވެސް އަލިފާން ރޯވުމާއެކު އެ ދެމީހުން ވަނީ މޫދަށް ފުންމަލައިގެން ސަލާމަތް ވެފަ އެވެ. އަލިފާނުގެ އެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާހުރެ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
އަށް ކޮޓަރި ހުންނަ ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ރޭ ފަތިހު އެވެ. އަލިފާން ނިއްވާލިއިރު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.
"ކިރުދޫނި" ސަފާރީއަކީ ފުވައްމުލަކު ބަނދަރުގައި އޮތީ އިންޖީނު ހަލާކުވެގެނެވެ. އެ ބަނދަރުގައި ކިރުދޫނި އޮންނަތާ ފަސް މަސް ދުވަހެވެ.