ރޯހިތަށް އަނެއްކާ ވެސް މަރުގެ އިންޒާރެއް
ރޯހިތަށް އަނެއްކާ ވެސް މަރުގެ އިންޒާރެއް

އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީއަށް މަރުގެ އިންޒާރެއް ދިނުމާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ، ރޯހިތަށް މަރުގެ އިންޒާރު ދީފައި ވަނީ އޯޑިއޯ ކްލިޕެއް މެދުވެރިކޮށެވެ. އައިއޭއެންއެސްގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން މި އޯޑިއޯ ކްލިޕް އެންމެ ފުރަތަމަ ފެނުނީ ރޯހިތުއާ އެކު މަސައްކަތްކުރާ މުވައްޒަފަކަށެވެ. އެ ވީޑިއޯ ކްލިޕްގައި 20 ކްރޯޑު ރުޕީސްއަށް ޑިމާންޑްކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އަދި ފައިސާ ނުދީފިނަމަ ރޯހިތު މަރާލާނެ ކަމުގެ އިންޒާރު އެ ވީޑިއޯ މެދުވެރިކޮށް ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މިއީ މި އަހަރުގެ ފެބްރުއަރީ މަހު ރޯހިތު ދިރިއުޅޭ ގެއަށް ދިން ހަމަލާގެ ޒިންމާ ނަގާފައިވާ ލޯރެންސް ބިޝޯނީީ ގޭންގްއިން ދިން އިންޒާރެއް ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

ރޯހިތު ޝެޓީ އަޖޭ ދޭވްގަން އަދި ސަލްމާން ޚާންއާ އެކު--ފޮޓޯ/މިޑްޑޭ

މުމްބާއީގައި ހުންނަ ރޯހިތު ދިރިއުޅޭ އެޕާޓްމަންޓް ހުންނަ އިމާރާތަށް ދިން ބަޑީގެ ހަމަލާގައި މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

އިންޑިއާގެ ފިލްމީ ތަރިންނަށާއި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މަޝްހޫރު ފަރާތްތަކަށް މަރުގެ އިންޒާރު ލިބުން އާއްމުވެފައިވާއިރު މިފަހަކަށް އައިސް މިފަދަ އިންޒާރުތައް އެންމެ ގިނައިން ލިބިފައި ވަނީ އެކްޓަރު ސަލްމާން ޚާނަށެވެ. ހާއްސަކޮށް ސަލްމާނާ ގާތް ގުޅުމެއް އޮންނަ ފަންނާނުން މަރުގެ އިންޒާރާ އެކު ބިރު ދެއްކުމުގެ ހަމަލާތައް އަމާޒުވެފައިވާއިރު ރޯހިތަކީ ވެސް ސަލްމާންގެ ވަރަށް ގާތް ރަހްމަތްތެރިއެކެވެ.

މަގުބޫލު އެކްޝަން ކޮމެޑީ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދެމުން އަންނަ ރޯހިތު އަކީ އިންޑިއާގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެތެރޭ ހިމެނޭ އެކަކެވެ. ރޯހިތު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ އަމިއްލަ ފިލްމު ކުންފުނި 'ކޮޕް ޔުނިވާސް'ގެ މަޝްހޫރު ފްރެންޗައިސް 'ސިންގްހަމް'ގެ ތިން ވަނަ ބައެވެ.