22 Sep 2012, 11:56
މާދަމާ 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަށް ޗިޓް ފޮނުވައިފި އެވެ.
މޯޑު މިއަދު ވިދާޅުވީ މާދަމާ ކޯޓަށް ވަޑައިގެން ދައުލަތުން ކުރައްވާ ދައުވާ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް ދައުވާ އަކީ ކޮބައިކަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މޯޑާއެކު އައްޑޫގެ ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހުރި ދައުލަތުގެ އެކި ތަންތަނަށް ގެއްލުންދީ ހުޅުޖެހިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށެވެ.
މޯޑް ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގުގެ ދަށުން ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ އައްޑޫގެ ރައްޔިތުންނާއި އެކު މުޒާހަރާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ކުރަންޖެހޭ އެއްވެސް ކަމެއް އެ ރޭ ކޮށްފައި ނުވާނެ ކަމަށެވެ.
"ޓެރަރިޒަމްގެ ދައުވާއެއް އަޅުގަނޑުގެ މައްޗަށް ކުރަންޖެހޭ އެއްވެސް ކަމެއް އެދުވަހު އަޅުގަނޑު ކޮށްފައެއް ނުވާނެ. މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން އަޅުގަނޑަށް ލިބިދޭ ހައްގެއް. އަނެއްކާ ރައްޔިތުންގެ އަޑު އުފުލުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް. ރައްޔިތުން އަޅުގަނޑު ގާތު ބުނާ ކޮންމެ ވަގުތަކު އެ އަޑު އަޅުގަނޑު އުފުލަން އެބަޖެހޭ. ރައްޔިތުންގެ ޚާދިމެއް އަޅުގަނޑަކީ. ރައްޔިތުންނާއި އެކު މުޒާހަރާއަށް ނުކުތުމަކީ އެއީ ޓެރަރިޒަމްގެ ދައުވާއެއް ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ނުދެކެން،" މޯޑު ވިދާޅުވި އެވެ.
އައްޑޫގައި ހުޅުޖެހި މީހުން ހޯދުމަކީ އެއީ ފުލުހުންގެ ޒިންމާއަކަށް ވާއިރު ފުލުހުންގެ ތަހުގީގުތައް ގޮސްފައި ވަނީ އެހާ ޕްރޮފެޝަނަލް ކޮށް ނޫން ކަމަށާއި ހުޅުޖެހިޔަ ނުދިނުމަށް އެތައް ކަމެއް ކުރެވެން ހުރި އިރު އެކަން ކަމަށް ފުލުހުން އިހުމާލު ވެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުޖެހި މީހުން ހައްޔަރު ކުރުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ހައްުޔަރުކޮށްފައި ވަނީ އައްޑޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުންކަމަށް ފާހަގަ ކުރެވޭ ކަމަށާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އެކަންތައް ކިޔައިދީފައި ވާނެ ކަމަށެވެ.
"އައްޑޫގެ ތަންތަން އަނދައި ދިޔަ، ރޯކުރި. އެކަން ކުރި މީހުން ހޯދުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް. އެކަމަކު ފުލުހުންގެ އިންވެސްޓިގޭޝަން ދިޔައީ ރަނގަޅަކަށް ނޫން. ޕްރޮފެޝަނަލް ގޮތެއްގައި އެކަން ކުރިތަން އަޅުގަނޑަކަށް ނުފެނުނު. އަޅުގަނޑަށް ފެނުނީ އިންވެސްޓިގޭޝަން ޓީމެއް ގޮސް ސިޔާސީ މީހުންތައް ހައްޔަރު ކުރިތަން. އެކަން ކުރި މީހުން ހައްޔަރު ކުރިތަނެއް ނުފެނޭ. އަޅުގަނޑަކީ ވެސް ބޮޑު ހުވައެއް ކޮއްގެން ހުރި މީހެއް. ރައްޔިތުންނާއި ރައްޔިތުންގެ މުދާ އަދި ދައުލަތާއި ދައުލަތުގެ މުދާ ރައްކާތެރިކުރުމަށްޓަކައި ފުލުހުންނަކީ އަޅުގަނޑަށް ވުރެ ބޮޑު ހުވައެއް ކޮށްގެން ތިބި ބައެއް،" މޯޑު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ބޭއްވި އެ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓާއި ހަވާލުވެފައި ވާނެ ކަމަށާއި ނަމަވެސް އެދުވަހު ކޯޓަށް ހާޒިރު ނުވެވުނީ މަޖިލީހުގެ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުން ކަމަށެވެ.