ހަދަމުން ދިޔަ އިމާރާތަކުން ބަޔަކު ވެއްޓުން: އިހުމާލުވި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ހަދަމުން ދިޔަ އިމާރާތަކުން ބަޔަކު ވެއްޓުން: އިހުމާލުވި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މާލޭގެ މަޖީދީމަގުގައި ހަދަމުން ދިޔަ އިމާރާތަކުން ބަޔަކު އިއްޔެ ވެއްޓިފައިވާއިރު، އެ ކަމުގައި އިހުމާލުވި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މި ހާދިސާގައި ދެ މީހަކަށް އަނިޔާވިއިރު، އެ މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެއީ، 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގަލްދޭޝް ފިރިހެނެކެވެ. އޭގެތެރެއިން، އެކަކު މިހާރު ދޫކޮށްލާފައިވާއިރު، ދެވަނަ މީހާ މިހާރު އޮތީ ވޯޑުގައެވެ.

މި މައްސަލައިގައި ސިޓީ ކައުންސިލުން މިއަދު ބުނީ، އެ ހާދިސާ ހިނގީ އިމާރާތުގައި މަސައްކަތްކުރިއިރު، ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މަސައްކަތް ކުރުމުން ކަމަށެވެ.

ދެ މީހަކު ވެއްޓުނު އިމާރާތް މިހާރު ހުރި ގޮތް: މި މައްސަލައިގައި 5،000 ރުފިޔާއިން އިހުމާލުވި މީހުން ވަނީ ޖޫރިމަނާކޮށްފައި ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އެހެންވެ، މި ކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅައި، ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ޖޫރިމަނާކުރި ޗިޓުން އެނގޭ ގޮތުގައި، މި ކަމުގައި އިހުމާލުވި މީހުން ޖޫރިމަނާކުރީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅާ މަސައްކަތް ކުރުމުންނެވެ.

'ސަން'އިން ސުވާލުކުރުމުން، ސިޓީ ކައުންސިލުން ބުނީ، މި މައްސަލައިގައި ޖޫރިމަނާކުރީ 5،000 ރުފިޔާއިން ކަމަށެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.