އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ކުޑަކުއްޖެއްގެ ބަޔާން ހުށަހަޅައިފިއެވެ.

ޢަބްދުއްރަޙްމާން މަރާލައިފައި އޮއްވާ ފެނުނީ މީގެ ގާތްގަނޑަކަށް އަހަރެއް ކުރިން ޖުލައި މަހުގެ 13ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ އއ. މާޅޮސް، ފިޔަ / އަޙްމަދު އާޝިދާއި އެ ރަށު ލިލީފެހި, މުޙައްމަދު ވިސާމާއި ފިނިވާގެ, އަހުމަދު ފާރިސެވެ.

އޭގެ ތެރެއިން އާޝިދުގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ވިސާމާއި ފާރިސްގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައިވެއެވެ.

މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހަޅައިފައެވެ. އެގޮތުން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ކުޑަކުއްޖެއްގެ ބަޔާން ރައްކާތެރިކުރުމުގެ އަމުރަކަށާއި އެ ކުއްޖާގެ މައުލޫމާތު ހިމެނޭ ރިޕޯޓަކާއި ޢަބްދުއްރަޙްމާނަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް ހިމެނޭ ރިޕޯޓެއް ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ މިއަދު ޑީއެންއޭ ރިޕޯޓުތައް ހުށަހަޅައިފައެވެ. މައްސަލައާ ގުޅޭ ރިޕޯޓުތައް ވަނީ ދައުވާ ލިބޭ ފަރާތަށް ރައްދުކޮށްފައެވެ.

މައްސަލަ ބައްލަވާ ގާޟީ ވަނީ ދައުވާ ހުށަހެޅުމަށާއި އަދި ދައުވާއަށް ޖަވާބުދާރީވުމަށް އޮންނަ އަޑުއެހުން އަންނަ މަހުގެ 12ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

ޢަބްދުއްރަޙްމާނަށް ފަރުވާދޭން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ޖުލައި މަހުގެ 13ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައި މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ.

ޢަބްދުއްރަޙްމާންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދެއްކިގޮތުގައި ޢަބްދުއްރަޙްމާން މަރުވީ ބޮލަށް ލިބުނު އަނިޔާއަކުން ކަމަށް ފުލުހުން އޭރު ބުންޏެވެ.