22 Sep 2012, 11:49
ފްރާންސްގެ މުއްސަނދި ކްލަބެއްކަމަށްވާ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އިން ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް މަސައްކަތް ނުކުރާކަމަށް އެކުލަބުގެ ރައީސް ނާސެރް އަލް ޚެލާފީ ބުނެފިއެވެ. އެހެންކަމުން މެޑްރިޑްގައި މިހާރު ހޭދަކުރަމުންދާ ހިތާމަވެރި ދުވަސްތަކުގެ އަސްލަކީ ޕީއެސްޖީގެ ހުށަހެޅުން ނޫންކަން މިވަނީ ކަށަވަރުވެފަ އެވެ.
ސްޕެއިންގެ ކުޅިވަރު ނޫހެއްކަމަށްވާ މާކާއަށް މިދިޔަ ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައި ގަތަރުގެ ވިޔަފާރިވެރިޔާ އަލް ޚެލާފީ ބުނީ، ޕީއެސްޖީއިން ރޮނާލްޑޯ ގެންދިއުމަށް އޭނާގެ އެޖެންޓާއި ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތްތާނގައި ރޮނާލްޑޯ ހޯދަން މަސައްކަތް ނުކުރާނެކަމުގައި އަލް ޚެލާފީ ބުނެފައެއް ނުވެއެވެ.
"ރޮނާލްޑޯ ހިތްހަމަ ނުޖެހިގެން އެ އުޅެނީ ކޮންމެހެން ޕީއެސްޖީއިން އޭނާ ހޯދަން މަސައްކަތްކުރާތީއެއް ނޫން. އަހަރެމެން އޭނާ ބޭނުންނަމަ ފުރަތަމަ ވާހަކަ ދައްކާނީ މެޑްރިޑާ. އަހަރެން މެޑްރިޑަށް އިޚްތިރާމް ކުރަން އަދި ފްލޮރެންޓީނޯ ޕެރޭޒްއަކީ ވަރަށް ރަނގަޅު ޗެއާމަނެއް. ރޮނާލްޑޯއާއި ބެހޭގޮތުން ވާހަކަދައްކަން އަދި މާއަވަސް. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" ޙެލާފީ ބުންޏެވެ.
ޚެލާފީ ބުނިގޮތުގައި، ކޮންމެވެސް ހިސާބެއްގައި ރޮނާލްޑޯއާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ޕީއެސްޖީއިން ފެނުމަކީ ރަނގަޅުކަމެއް ކަމުގައެވެ. "އެ ދެ ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން. އެ ދެ ކުޅުންތެރިން ޓީމާއި ގުޅިއްޖެނަމަ އެއީ ވަރަށް ރަނގަޅުކަމެއް. އަހަރެން އެ ދެ ކުޅުންތެރިންނާއިމެދު ވަރަށް ހިތްހަމަޖެހޭ،" ޚެލާފީ ބުންޏެވެ.
ޕީއެސްޖީއިން މި ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް ގުޅުނުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އޭސީ މިލާނަށް ކުޅުނު ޒްލަޓަން އިބްރަހިމޮވިޗްއާއި ތިއާގޯ ސިލްވާ އަދި ނަޕޯލީއަށް ކުޅުނު ލަވޭޒީ ވެސް އެކުލަބުން ހޯދާފައިވެއެވެ.