ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަލް ނޫމާނާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫނެއެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

ހުކުރު ދުވަހު ހުޅުމާލެ ފޭސް އެކެއްގެ ފުލުހުން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް ނޫމާން ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.