22 Sep 2012, 11:41
މިއަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ މިދިޔަ އޮގަސްޓްމަހު 27 ޕަސެންޓް އިތުރުވެ މިއަހަރުގެ މިހާތަނަށް ޑޮލަރުން ލިބުނު އާމްދަނީ 178.9 މިލިއަން ޑޮލަރަށް އަރައިފި އެވެ.
ޓެކްސްގެ މައި އިދާރާ، މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް 22.2 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހު ލިބިފައިވަނީ 16.1 މިލިއަން ޑޮލަރެވެ. މިއަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީ އަކީ ޖުލައި މަހު ލިބުނު އާމުދަނީއަށް ވުރެ ހަ މިލިއަން ޑޮލަރު މަދު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު ވެސް ދައުލަތަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.8 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ ހަ މަސް ދުވަހުގެ އާމްދަނީއަށް ބަލާއިރު ވެސް ޑޮލަރުން ދައުލަތަށް ލިބިފައިވަނީ 166.7 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ އަށް މަސްދު ވަސް ފާއިތުވީއިރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ 178.9 މިލިއަން ޑޮލަރަށް އަރައިފަ އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 2.9 ބިލިއަން ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ.
ބޭރު ފައިސާގެ ދަތިކަން ރާއްޖެއަށް އަބަދުވެސް ކުރިމަތިވެ އެވެ. ނަމަވެސް މި ފަހުން ޑޮލަރުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވަނީ އައިސްފަ އެވެ.
މިދިޔަ މަހު ޑޮލަރުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރި ފައިދާއިން ލިބޭ ޓެކްސްއިންނެވެ. އެބައިން ވަނީ އާމްދަނީގެ ގޮތުގައި 9.4 މިލިއަން ޑޮލަރު ލިބިފަ އެވެ.
މިދިޔަ މަހު އެކަނިވެސް ދައުލަތަށް ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 975.9 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ދައުލަތުގެ ހަރަދުވެސް ވަނީ 8.8 ބިލިއަނަށް އަރައިފަ އެވެ.