22 Sep 2012, 11:38
ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށް އެ ކްލަބުގެ ރައީސް ސެންޑްރޯ ރޮސެލް ބުނެފި އެވެ.
އާޖެންޓީނާ ފޯވާޑް މެސީއާއި ބާސާއާއި ދެމެދު އެންމެ ފަހުން ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރުދުވަހުގެ މުއްދަތެއް އެބައޮތެވެ.
މިދިޔަ ސީޒަނުގައި ބާސާއަށް 70 އަށްވުރެ ގިނަ ގޯލް ކާމިޔާބުކޮށްދިން މެސީ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން 2016 ވަނަ އަހަރާއި ހަމައަށް އެ ކްލަބުގައި ހުރުމަށް އެއްބަސްވެފައިވެ އެވެ. އެހެންނަމަވެސް ބާސާއިން ހަދާފައިވާ އެއްބަސްވުން އާކުރުމުގެ މަސައްކަތް އެކުލަބުން ކުރަމުންދާކަމުގެ ހަބަރު ބާސާގެ ރައީސް ރޮސެލް ދީފައިވެ އެވެ.
"މެސީއާއި ކްލަބާއި ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2016 ވަނަ އަހަރު. ނަމަވެސް އަހަރެމެން މިދަނީ މެސީގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކެއް ދައްކަމުން. އަންނަ އާދީއްތަދުވަހު ކޯޗިންގް ސްޓާފުންނާއެކު ވާހަކަ ދެއްކުމަށްވަނީ ހަމަޖެހިފައި،" ރޮސެލް ބުންޏެވެ.
އެންމެފަހުގެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި މެސީއަކީ ބާސާއަށް ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއެކެވެ. މެސީއަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބާސާގައި ދައްކަމުންދާ ކުޅުން ގައުމީ ޓީމުގައި ދައްކައި ނުލެވުމެވެ.