ފިލްމު 'ކޮކްޓެއިލް 2'އަށް ހަ ދުވަސްތެރޭ 100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް
ފިލްމު 'ކޮކްޓެއިލް 2'އަށް ހަ ދުވަސްތެރޭ 100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް

މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ފިލްމު "ކޮކްޓެއިލް 2" ރިލީޒް ކުރިތާ ހަފުތާއެއްގެ ތެރޭގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް، އެ ފިލްމަށް ލިބިއްޖެއެވެ.

ޝާހިދު ކަޕޫރު، ކްރިތީ ސެނަން އަދި ރަޝްމިކާ މަންދަންނާ މުހިންމު ރޯލުތަކުން ފެންނަ މި ފިލްމަށް އިންޑިއާގެ ބާޒާރުން މިހާތަނަށް ސާފު އާމްދަނީގެ ގޮތުގައި 70.50 ކްރޯޑް ރުޕީސް ލިބިފައި ވާއިރު، މުޅި ދުނިޔެއިން މިހާތަނަށް މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު 112.73 ކްރޯޑް ރުޕީސްއަށް އަރައެވެ.

ލަވް ރަންޖަން އަދި ތަރުން ޖެއިންގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކޮށްފައިވާ "ކޮކްޓެއިލް 2" އަކީ މެޑޮކް ފިލްމްސް އާއި ލަވް ފިލްމްސް ގުޅިގެން ދިނޭޝް ވިޖަން އާއި ލަވް ރަންޖަން އަދި އަންކުރް ގަރްގް އުފައްދާފައިވާ ފިލްމެކެވެ.

މިއީ 2012 ވަނަ އަހަރު ސައިފް އަލީ ޚާން، ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީ މުހިންމު ރޯލުތައް ކުޅުނު ކާމިޔާބު ފިލްމު "ކޮކްޓެއިލް"އާ ގުޅުވައިގެން އުފައްދާފައިވާ ފިލްމެކެވެ.

"ކޮކްޓެއިލް 2"ގެ މަންޒަރެއްގައި ފިލްމުގެ ލީޑް ތަރިން -- ފޮޓޯ/ ބޮލީވުޑްހަންގާމާ

"ކޮކްޓެއިލް 2"ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތައް ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ތޫ ޖޫޓީ، މޭ މައްކާރް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަނެވެ.

ޔޫރަޕްގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ސިސިލީގައި މި ފިލްމްގެ ބޮޑު ބައެއް ޝޫޓްކޮށްފައި ވާއިރު ފިލްމުގެ މިއުޒިކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.