ދިރާގް ދިވެހި ލީގުގެ ތިން ވަނަ ބުރުގައި އިއްޔެ ހަވީރު އޭވައިއެލް ކޮޅަށް މާޒިޔާއިން ލަނޑު ގޯންޏެއް ޖަހައި، މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ހެޓްރިކް ހަދައިފި އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް މާޒިޔާއިން ކާމިޔާބު ކުރީ 6-1 ލަނޑުންނެވެ.

އިއްޔެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މާޒިޔާއަށް ލީޑް ނަގައި ދިނީ އައްސަދުﷲ އަބްދުﷲ އެވެ. އަދި އޭނގެ އިރުކޮޅެއް ފަހުން ހުސެން ނިއާޒް ބޮކުރީ މާޒިޔާގެ ލީޑް ފުޅާކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނެވެ.

ދެ ގޯލްގެ ލީޑަކާއެކު ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، އޭވައެލް ކޮޅަށް މާޒިޔާއިން ޖެހި ތިން ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ކާމިޔާބު ކޮށްދިނީ ފުރުގާނެވެ. އަދި މާޒިޔާއިން އޭވައެލްގެ މައްޗަށް ތިން ގޯލްގެ ލީޑެއް ނެގިތާ މިނެއްޓެއްގެ ތެރޭގައި މާޒިޔާގެ ބޮކުރީ ވަނީ އޭޓީމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި މެޗުގައި ބޮކުރީ ހެޓްރިކް ފެނިގެން ދިޔައީ އަހުމަދު ރަޝީދު (އައްމަޑޭ) މެޗުގެ 58 ވަނަ މިނެޓުގައި ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މާޒިޔާއިން އޭވައެލް ކޮޅަށް ޖެހި އެޓީމްގެ ހަވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އައްސަދުﷲ އަބްދުﷲ އެވެ.

އިއްޔެގެ މެޗުގައި އޭވައިއެލްއިން ސުމެއް ކަޑާލި ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު އެވަޓަން ސަންތޯސް އެވެ.

އިއްޔެގެ މޮޅާއެކު 32 ޕޮއިންޓް ހަމަކޮށް މާޒިޔާ އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. އަދި މެޗުން ބަލިވި އޭވައިއެލް އޮތީ ހަވަނައިގައި 12 ޕޮއިންޓާއެކު އެވެ.

ލީގުގައި މިރޭ 9:00 ޖަހާއިރު ބައްދަލުކުރާ ދެތީމަކީ 28 ޕޮއިންޓާއެކު ތިން ވަނާގައި އޮތް ވިކްޓަރީ އާއި ފަސް ވަނާގައި 18 ޕޮއިންޓާއެކު އޮތް އީގަލްސް އެވެ.