22 Sep 2012, 11:27
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެ 3-2 ލަނޑުން ބަލިވި މެޗުގައި އެކުލަބުގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ ބޭނުން ނުކުރީ އަހުލާގީ މައްސަލަތަކަކާއި ހުރެކަމަށް ދެކެވެމުންދާ ވާހަކަތައް ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ދޮގުކޮށްފިއެވެ.
މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ބެންޗުން ވެސް ބަލޮޓެލީ ފެނިފައެއް ނުވެއެވެ. ރިޕޯޓްތަކުން ބުނަމުންދިޔަ ގޮތުގައި، އޭނާ ޓީމުން ބާކީކުރީ ރޭގަނޑު މާދަންވަންދެން ބޭރުގައި އުޅުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މަންޗިނީ ބުނިގޮތުގައި، އެކަހަލަ އެއްވެސް މައްސަލައެއް ނެތްކަމަށާއި އެއީ ޓެކްޓިކަލް ނިންމުމެއްގެ ސަބަބުން ބާކީކުރަންޖެހުނީކަމަށެވެ.
"އެއީ ހަމަ ކަނޑައެޅިގެން ދެކެވެމުންދާ ދޮގު ވާހަކަތަކެއް. ބަލޮޓެލީ ބެންޗުގައި ނެތީ އެއީ މިމެޗުގައި ޓެވޭޒް ބޭނުން ކުރަން ނިންމުމުން. އަދި އޭގެ އިތުރުން 18 ކުޅުންތެރިންގެ ތެރޭގައި ތިން ފޯވާޑުން ހިމަނާފައިވާނެ. އެތިން ކުޅުންތެރިންނަކީ އެޑިން ޖެކޯ، ސާޖިއޯ އަގުއެރޯ އަދި ޓެވޭޒް." މަންޗިނީ ބުންޏެވެ.
މަންޗިނީ އިތުރަށް ބުނިގޮތުގައި، ސިޓީގެ އިނގިރޭސި ގޯލްކީޕަރު ޖޯ ހާޓްއާއި ވެސް އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. ހާޓްއާއި ކްލަބުގެ ކުޅުންތެރިންނާއި ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށާއި އެމައްސަލަ އުފެދުނީ މެޑްރިޑް މެޗުގައި އެޓީމަށް ލީޑް ދެމެނެހެއްޓުމުގެ ސަބަބުންކަމަށް ރިޕޯޓްތަކުން ބުނަމުންދިޔަ އެވެ.