މާލޭގެ މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓި، ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދުގެ މެންދުރު 13:53 ހާއިރު ކަމަށެވެ.

އަދި އެކަމުގެ ރިޕޯޓު ލިބުމާއެކު ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފަައިވާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މި ދެ މީހުން ވެއްޓިފައި ވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިވާ ކަމަށެވެ.

އެއީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.