22 Sep 2012, 11:21
ސްޕެއިންގެ މިޑްފީލްޑަރު ގުޓީ ފުޓްބޯޅަ ކުޅުމުން ރިޓަޔާ ކުރިކަން އިޢުލާންކޮށްފި އެވެ.
ގުޓީ ވަނީ ރެއާލް މެޑްރިޑަށް ކުޅެ ތިން އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި ފަސްއަހަރުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
އުމުރުން 35 އަހަރުގެ ކުރީގެ ބައިނަލްއަގްވާމީ ކުޅުންތެރިޔާ ގުޓީ މެޑްރިޑްގައި ހޭދަކުރި 25 އަހަރުދުވަހުގެ ތެރޭގައި 400 އަށްވުރެ ގިނަ މެޗު ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެއަށްފަހު، ތުރުކީގެ ބެސިކްޓާސްއަށް ގުޓީ ސޮއިކުރީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ބެސިކްޓާސްއަށް ކުޅުނު ފުރަތަމަ ސީޒަނުގައި ގުޓީވަނީ އެ ކުލަބާއެކު ޓާކިޝް ކަޕް ކާމިޔާބުކޮށްފަ އެވެ.
"އަހަރެންގެ ނިންމުން ނިންމައިފިން. އަހަރެންނަށް ހުށަހެޅުންތަކެއް ލިބެމުން އެބަދޭ. ނަމަވެސް އަހަރެން ނިންމީ ފުޓްބޯޅަ ކުޅުން ހުއްޓާލަން. މިހާރު އަހަރެންނަށް އާއިލާއާއެކު ގިނަ ވަގުތު ވެސް ހޭދަކުރެވޭނެ. އަހަރެން ދެން ބޭނުމީ ސްޕޯޓިންގް ޑިރެކްޓަރެއް ނުވަތަ ކޯޗަކަށްވާން. އަހަރެން ބޭޏުން މެޑްރިޑްގެ ޔޫތް ޓީމަށް ކޯޗުކޮށްދޭން. އެއީ އަހަރެންގެ ހުވަފެނެއް." މާކާ.ކޮމްއަށް ދިން އިންޓަރވިއުއެއްގައި ގުޓީ ބުންޏެވެ.
މެޑްރިޑްގެ ޔޫތް ޓީމަށާއި، މެޑްރިޑްގެ ސީ ޓީމަށް އަދި ބީ ޓީމަށާއި ސީނިއާ ޓީމަށް ކުޅުނު ގުޓީވަނީ އެ ކުލަބްގައި ހޭދަކުރި 25 އަހަރު ދުވަހުގެ ތެރޭގައި 60 ގޯލް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ސްޕެއިން ގައުމީ ޓީމަށްވެސް ގުޓީ ކުޅެފައިވެ އެވެ.