ހުޅުމާލޭ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ޕެޓްރޯލް ޝެޑެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ސުހައިލް ވިދާޅުވީ ހުޅުމާލޭގައި މިހާރު ހަދާފައިވާ ފެޓްރޯލް ޝެޑަކީ އެ ރަށުގައި ސިނާއީ މަސައްކަތްތައް ކުރާ ސަރަހައްދާ ކައިރީގައި ހުންނަ ތަނަކަށް ވުމުން، އިންޖީނުލީތަކެއްޗަށް އުނދަގޫވާ ކަމަށެވެ.

ސުހައިލް ވިދާޅުވީ ވަރަށް އަވަހަށް ހުޅުމާލޭ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރި ތަނެއްގައި ޕެޓްރޯލް ޝެޑެއް އަޅަން ނިންމާފައިވާ ކަމަށާއި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ފެޓްރޯލް ޝެޑެއް އެޅިނަމަވެސް އަލިފާނު ހާދިސާއެއް ހިނގައިފިނަމަ ފަސޭހައިން ރައްކާތެރިކަން ލިބޭނެ ތަނެއްގައި ޝެޑް އަޅަން ވިސްނާ ކަމަށެވެ.

"މިހާރު ޕެޓްރޯލް ހުސްވެގެން ނުވަތަ ސައިކަލެއްގެ ހަން ފައިޅައިގެން ދިޔަސް ދާން މިޖެހެނީ ދުރު ހިސާބަކަށް. ނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ޕެޓްރޯލް ޝެޑެއް ހެދުމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުގައި ކުދިކުދި ގަރާޖު ހެދުމުގެ ހުއްދަ ދޭންނަން. ނަމަވެސް އެތަންތަނުގައި އާއްމުންނަށް އުނދަގޫވާގޮތަށް މަސައްކަތް ކުރާނަމަ އެކަން ޖެހޭނީ ހުއްޓާލަން،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭ މީހުން ދިރިއުޅޭ ސަރަހައްދުގައި ބޮޑެތި ގަރާޖުފަދަ ތަންތަން ހެދުމަކީ މަނާ ކަމެކެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ކުދި ގަރާޖު ހެދުމުގެ ހުއްދަ ދޭން ވަނީ ނިންމާފަ އެވެ.

ހަތް އަހަރުގެ ދުވަހުގެ މަސައްކަތައްފަހު 2002 ވަނަ އަހަރު ހިއްކާ ނިމުނު 188 ހެކްޓަރުގެ ހުޅުމާލޭގައި މިހާރު 12000 ވުރެ ގިނަ މީހުން ދިރުއުޅެމުން ގެންދެ އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކުލަވާލެއްވި ވިހިވިހީގެ ތަސައްވުރުގައިވާ ގޮތުން ހުޅުމާލޭގައި 60،000 ވުރެ ގިނަ މީހުން ދިރިއުޅޭނެ އެވެ. އަދި ހުޅުމާލެއަކީ ތައުލީމީ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއާއި ކުޅިވަރާއި ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލްކޮށް އިންވެސްޓުމަންޓުތަކެއް ލިބެން ހުރި ރަށަކަށްވާނެ ކަމަށް އެ ތަސައްވުރުގައި ވެއެވެ.