މިއަހަރު އޯގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އޯގަސްޓް މަހަށްވުރެ 3.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު 76828 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 79768 މީހުންނެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ނޯތް އީސްޓް އޭޝިއާ ސަރަހައްދުންނެވެ. އެގޮތުން މިދިޔަ އަހަރު އޯގަސްޓްމަހު އެ ސަރަހައްދުން 34557 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއަހަރު ވަނީ 38898 ޓޫރިސްޓުން އައެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 12.6 ޕަސެންޓް އިތުރު އަދަދެކެވެ.

އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ނެވެ. މިދިޔަ އަހަރުގެ އޯގަސްޓްމަހު އެގައުމުން 22827 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއަހަރު 25138 ޓޫރިސްޓުން އެއެވެ.

ރާއްޖެއަށް ޓޫރިސްޓުން އަންނަ މައި މާކެޓް ކަމަށްވާ ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުން ގެ އަދަދު ވަނީ 9.6 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން އިޓަލީން އަންނަ ޓޫރިސްޓުން ވަނީ 28.1 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް ޖަރުމަނުން ރާއްޖެ އައި ޓޫރިސްޓުން ވަނީ 9.6 ޕަސެންޓަށް އިތުރުވެފައެވެ.

މިދިޔަ އަހަރު އޯގަސްޓްމަހު ޔޫރަޕުން 39215 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއަހަރު އައިސްފައިވަނީ 35488 ޓޫރިސްޓުނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 614،802 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސފައި ވަނީ 597،311 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.9 ޕަސެންޓް އިތުރު އަދަދެކެވެ.

ހަތެއް ފެބްރުއަރީގައި ވެރިކަން ބަދަލުވުމާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުން ޖޫން މަހާއި ހަމައަށް ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު ދަށްވެފައި އޮތުމަށް ފަހު މިހާރު އިތުރުވެފައިވާއިރު ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމުގެ ގޮތުން ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.