މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން ދީފި
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން ދީފި

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން ދީފި
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން ދީފި

އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އިއްޔެ ޝަރަފުގެ ނިޝާން ލިބުނު 84 ފުލުހުންގެ ތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންނެވެ. އޭގެ އިތުރުން، ސީނިއާ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 34 ފުލުހަކަށް ވެސް ވަނީ ޝަރަފުގެ ނިޝާން ދީފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ދިގު މާޒީގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ފުލުހުންގެ ކެތްތެރިކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް ކޮމިޝަނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.

ފުލުހުންގެ މުއައްސަސާގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނާ ވިދާޅުވީ، ފުލުހުންނަށް ލިބޭ ކާމިޔާބީ ފާހަގަކޮށް އަގުވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުރު ކާމިޔާބީ ހޯދައިދިނުމަށާއި، ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވިއެވެ.