މޯލްޑިވްސް ހައިޑްއަވޭ ރިސޯޓް ރަން އަންނަ ސެޕްޓެމްބަރު 18ގައި ފަށަނީ
މޯލްޑިވްސް ހައިޑްއަވޭ ރިސޯޓް ރަން އަންނަ ސެޕްޓެމްބަރު 18ގައި ފަށަނީ

މޯލްޑިވްސް ހައިޑްއަވޭ ރިސޯޓް ރަން އަންނަ ސެޕްޓެމްބަރު 18ގައި ފެށުމަށް ނިންމައިފިއެވެ.

މިއީ މިދިޔަ އަހަރު ފަށާފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ލަގްޒަރީ ރިސޯޓު ދުވުމުގެ ދެވަނަ އެޑިޝަން ކަމަށްވާއިރު، މި ދުވުން ކުރިއަށްދާނީ ސެޕްޓެމްބަރުގައި އޮންނަ ވޯލްޑް ވެލްނެސް ވީކެންޑާއި ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާގެ އަހަރީ ތަޖުރިބާތަކާ އެކީގައެވެ.

ތިން ދުވަހަށް ކުރިއަށްދާ މި ހަރަކާތުގައި ތިން ދުވުމެއް އޮންނާނެއެވެ. އެއީ، ސަންސެޓް ތްރީކޭ ޝޭކްއައުޓް ރަންއާއި ސަންރައިސް 10ކޭއާއި ސަންރައިސް ފައިވް ކޭ ރަންއެވެ.

އޭގެތެރެއިން، 10ކޭގެ ދުވުން ފަށާނީ ސެޕްޓެމްބަރު 18ވަނަ ދުވަހުގެ ހެނދުނު 05:30ގައެވެ. އަދި، ފައިވްކޭގެ ދުވުން ފަށާނީ އެ ދުވަހުގެ ހެނދުނު 06:00ގައެވެ.

މި ހަރަކާތަކީ، ހައިޑްއަވޭއާއި ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ)އާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި، މި ހަރަކާތުގެ ޓްރެވަލް ޕާޓްނަރަކީ، ގައުމީ އެއާލައިން މޯލްޑިވިއަން އަދި އިޓަލީގެ މަޝްހޫރު ޓްރަވަރު އޭޖަންސީ ސްޕޯޓިން ވަކަންޒީއެވެ.

މޯލްޑިވްސް ހައިޑްއަވޭ ރިސޯޓް ރަންގައި ބޭނުންކުރާ ޓީޝާޓެއް ދައްކާލުން ---- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި ދުވުންތަކުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

  • ސައުންޑް ހީލިންގް

  • ސަންރައިޒް ޔޯގާ އަދި ސަންސެޓް ޔޯގާ
  • ލައިވް މިއުޒިކާއި ޑީޖޭ ނައިޓް
  • ސަގާފީ ބޮޑުބެރު ޝޯ
  • އަކުއާ ފިޓްނެސް އެންޑް ގުރޫޕް ވޯކްއައުޓްސް
  • ފިޓްނެސް ކްލިނިކްތަކާއި އެކްސްޕާޓް ގައިޑަންސް
  • ކުޅިވަރު ކުލާސްތަކެއް

މި ދުވުންތަކުގައި ކޮންމެ އުމުރަކުން އެންމެ މޮޅު ތިން ވަނަ ހޮވާނެއެވެ. މިގޮތުން، ޖުމުލަ 12 ޓްރޮފީ ދިނުމަށް ވަނީ ނިންމާފައެވެ.

އޭގެއިތުރުން، ދުވުންތަކުގައި ބޭނުންކުރާނެ ޕެކެއް ލިބޭނެއެވެ. އެ ޕެކުގައި ހިމެނެނީ، ވައުޗާތަކާއި ގިފްޓުތަކާއި ޓީޝާޓާއި ބިބްއާއި ޕިނެވެ. މި ދުވުމުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ، މަދު ސްލޮޓްތަކެއް ކަމަށްވާއިރު، ބައިވެރިވާ މީހުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

މި ދުވުންތަކުގައި ބައިވެރިވުމަށް ރިސޯޓުން އެކޮމޮޑޭޝަން ޕެކޭޖެއް ދެއެވެ. އެކަމަކު، މި ޕެކޭޖު ބައިވެރިން ކުރިއާލާ ބުކްކޮށް، ރުފިޔާ ދައްކަން ޖެހެއެވެ.

މީގެއިތުރަށް، މި ދުވުންތަކުގެ އިތުރު މައުލޫމާތުހައިޑްއަވޭވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.