ބަޣްދާދު (ސެޕްޓެމްބަރ 22) : ސޫރިޔާއަށް ދަތުރުކުރުމަށް ޓަކައި ޢިރާޤު ހުރަސްކުރަން ހުއްދައަށް އެދުނު އުތުރުކޮރެޔާގެ މަތިންދާބޯޓަކަށް ހުރަސްއަޅައިފިކަން ޢިރާޤުން ހާމަކޮށްފިއެވެ.

ޢިރާޤުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީގެ މުސްތަޝާރެއްކަމަށްވާ ޢަލީ މޫސަވީ ވިދާޅުވީ މި ބޯޓަށް ޢިރާޤުން ހުރަސްއެޅީ އެއިން ސޫެރިޔައަށް ހަތިޔާރު އުފުލާކަމުގެ ޚަބަރު ލިބިގެންނެވެ. ޢިރާޤުގެ ސިޔާސަތަކީ ސޫރިޔާގެ އެއްވެސް ފަރާތަކަށް ހަތިޔާރު ލިބުން މަނާކުރުން ކަމަށް މޫސަވީ ވިދާޅުވިއެވެ.

މިމައްސަލާގައި އުތުރުކޮރެޔާ ސަރުކާރާއި ޢިރާޤުގެ ސަރުކާރާ ދެމެދު އެއްވެސް ރަސްމީ އެއްވެސް ގުޅުންތަކެއް އަދި ހިނގާފައިނުވާ ކަމަށާ އުތުރުކޮރެޔާގެ ބޯޓަށް ޢިރާޤު ގެ ވައިގެ ސަރަޙައްދު ހުރަސްކުރުމުގެ ފުރްސަތު ދިނުމަށް ދެކޮޅުހެދީ ޢިރާޤުގެ އޭވިއޭޝަންއާބެހޭ މުވައްޒަފުންނަށް މިކަމުގައި ޢާންމުކޮށް ޢަމަލުކުރާ ރޫޓިން އުސޫލު މަތިން ކަމުގައެވެ.

ޢިރާޤުންވަނީ އެޤައުުމު ހުރަސްކޮށް އީރާނުންވެސް ސޫެރިޔާއަށް ހަތިޔާރު އުފުލާފައިނުވާކަމަށް ބުނެފައެވެ. ހުޅަނގުގެ ޖާސޫސީ ފަރާތްތަކުންވަނީ އީރާނުގެ މަދަނީ މަތިންދާ ބޯޓުތަކުން ޢިރާޤުގެ ވައިގެ ސަރަޙައްދު ހުރަސްކޮށް ސޫރިޔާއަށް ހަތިޔާރު އުފުލަމުންގެންދާ ކަމަށާ މިކަމުގައި ޢިރާޤުން އެއްބާރުލުންދޭ ކަމަށް ތުހުމަތުކޮށްފައެވެ. ޢިރާޤުންވަނީ މިކަން ދޮގުކޮށްފައެވެ.

އީރާނުގެ މަދަނީ މަތިންދާ ބޯޓުތަކުން ޢިރާޤު ހުރަސްކޮށް ސޫރިޔާއަށް ހަތިޔާރު އުފުލަމުންގެންދާ ކަމަށް ބުނާފަރާތްތަކަށް އެކަމުގެ އެއްވެސް ހެއްކެތް ދެއްކިފައިނުވާ ކަމަށް މާލިކީގެ މުސްތަޝާރު ޢަލީ މޫސަވީ ވިދާޅުވިއެވެ. -- އަލްޢާލަމް