އިސްލާމް އާބާދް (ސެޕްޓެމްބަރ 22) : ކީރިތި ރަސޫލާއަށް އިހާނާތްކޮށް މަތްވެގެންވާ އިސްލާމް ދީނުގެ ޢަޤީދާ އަކީ ނައްތާލަންޖެހޭ އެއްޗެއްކަމަށް ސިފަކޮށް އެމެރިކާގައި ކުޅެފައިވާ ފިލްމާ ދެކޮޅަށާ އަދި ފަރަންސޭސި ނޫހެއްގައި ކުރަހާފައިވާ ކާޓޫނާ ދެކޮޅަށް ޢަރަބި އަދި އިސްލާމީ އެތަށް ޤައުމެއްގައި އިއްޔެ ކުރި މުޒާހަރާތަކާއި އިޙްތިޖާޖްތަކުގައި 16 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.

މިފިލްމާއި ކުރެހުމާ ދެކޮޅަށް ޕާކިސްތާނުގެ އެތަށް ރަށެއްގައި އިއްޔެކުރި މުޒާހަރާތަކަކީ ޕާކިސްތާން ސަރުކާރުގެ އިސްނެގުމުގެ މަތިން ސަރުކާރުން ހިއްވަރުދީގެން ކުރި މުޒާހަރާތަކެކެވެ. ސަރުކާރުން ގޮވާލާފައިވަނީ ރަސޫލާގެ ޙައްޤުގައި ސުލްޙަވެރިކަމާއެކު މުޒާހަރާތައް ކުރުމަށެވެ. ނަމަވެސް މުޒާހަރާގައި ބައިވެރިވި ދީނީގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތައްވަނީ މިމުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުކޮށް ސިނަމާތަކުގައި ހުޅުޖަހައި ވިއްސަކަށް ވެހިކަލް އަންދާލާފައެވެ.

ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ބޮޑުވަޒީރުގެ ތަރްޖަމާން ވިދާޅުވިގޮތުގައި ސުލްޙަވެރި މިމުޒާހަރާތަކުގައި ހަމަނުޖެހުން ހިންގީ ހަރުކަށި ޖަމާއަތްތަކުންނެވެ. މިމުޒާހަރާތަކުގައި ކަރާޗީގެ ބައެއް ރެސްޓޯރެންޓްތަކުގައި އަލިފާން ރޯކޮށްލާފައިވެސްވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފްވަނީ ކީރިތި ރަސޫލާއަށް ޙަމަލާ ދިނުމަކީ ހުރިހާ މުސްލިމުންނަށް (1.5 ބިލޔަން މުސްލިމުންނަށް) ޙަމަލާދިނުން ކަމށް ވިދާޅުވެ ޕާކިސްތާނުގައި ހުންނަވާ އެމެރިކާގެ ޝާޒްޑިއެފެއަރ ޕާކިސްތާނުގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށް އިޙްތިޖާޖްގެ ސިޓީއެއް އޭނާ އާ ޙަވާލުކުރުމަށް އަމުރުކުރައްވާފައެވެ.

އިއްޔެގެ ހުކުރު ނަމާދަށްފަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ގައިވެސް ލައްކައެއްހާ މީހުން މުޒާހަރާކޮށް އެމެރިކާއާއި ފަރަންސޭސި ދިދައަންދާފައިވެއެވެ. މެލޭޝިޔާގެ ކުއާލަލަންޕޫރުގައިވެސް އިއްޔެގެ ހުކުރު ނަމާދަށްފަހު އިސްލާމް ދީނާ އިދިކޮޅު ފިލްމާއި ކާޓޫނާ ދެކޮޅަށް މުޒާހަރާކޮށްފައިވެއެވެ. މިމުޒާހަރާ އިންތިޒާމްކުރީ ވެރިކަންކުރާ އަމްނޫ ޕާޓީއާއި އެޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކެވެ. މިގެއިތުރުން އިދިކޮޅު ޕާޓީތަކުންވެސް މުޒާހަރާތައް އިންތިޒާމްކޮށްފައިވެއެވެ. އަދި އިންޑޮނީޝިޔާގެ އެތައް ރަށެއްގައިވެސް އިއްޔެގެ ހުކުރު ނަމާދަށްފަހު އިސްލާމް ދީނާ އިދިކޮޅު ފިލްމާއި ކާޓޫނާ ދެކޮޅަށް މުޒާހަރާކޮށްފައިވެއެވެ.
މީގެއިތުރުން ޢަރަބި ޤައުމުތައް ކަމަށްވާ ޔަމަނާއި ލުބްނާނާއި ތޫނިސްއާއި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައިވެސް އެތަށް ލައްކަ ބަޔަކު ކީރިތި ރަސޫލާގެ ޙައްޤުގައި މުޒާހަރާތައް ކޮށްފައިވެއެވެ. ިއްޔެގެ މުޒާހަރާތަކުގައި މީހުން މަރުވިކަމަށްވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގައި ކަމަށާ ޖުމްލަ 16 މީހަކު މަރުވި ކަމަށް ނޫސް އެޖެންސީތައް ބުނެފައިވެއެވެ. -- ނޫސްއެޖެންސީތައް