ފުލުހުންގެ ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި މީހަކު ފިލުވަން އެހީވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13ވަނަ ދުވަހު ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 14ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެކަމަކު ކޯޓު އަމުރުގައި އޭރު މާ ބޮޑު ތަފުސީލެއް ނެތެވެ.

އެކަމަކު އިއްޔެ އެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށް ނެރުނު ކޯޓު އަމުރުގައިވަނީ، ދެ މީހުންވެސް ވަނީ ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައެއްގައި ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ކަމަށް ފުލުހުން ހުށަހަޅައިފައިވާ ކަމަށެވެ.

ދެ މީހުންގެ ތެރެއިން 22 އަހަރުގެ މީހާއަކީ ބަންދު ރެކޯޑު އޮތް މީހެއް ކަމަށް، ކޯޓު އަމުރުގައިވެއެވެ.