21 Sep 2012, 21:45
ކުއާލަލަމްޕޫރުން: އަހުމަދު ޒާހިރު(ހިރިގާ)
އޭޝިޔާ ޕެސިފިކް ސަރައްދުގެ މީޑިއާތަަކަށް ކުރިމަތި ކުރުވާ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ އެފިލިއޭޓުން އިގްރާރުވެއްޖެ އެވެ.
މި މަހު 19 - 21 އަށް މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި އޮތް އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 38 ޓްރޭޑް ޔޫނިއަން، ޖާނަލިސްޓް އެސޯސިއޭޝަންތަކުން، 70 ބައިވެރިންގެ މެދުގައި އޮތް ބައްދަލުވުމުން ނިންމީ، އޮކްޓޫބަރު، 2010ގައި އިންޑޮނޭޝިޔާގެ ބާލީގައި އޮތް ބައްދަލުވުމުގައި ނިންމި ކަންތައްތައް އިތުރަށް ވަރުގަދަކޮށް، އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ގައުމީ ފެންވަރުގަޔާއި ރީޖަނަލް ފެންވަރުގައި ގުޅުންތައް ގާއިމުކޮށް ގުޅިގެން މަސައްކަތް ކުރުމަށެވެ.
އެގޮތުން ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމާއި ނުހައްގުން ނޫސްވެރިންނަށް ކުރާ ދުއްތުރާތައް ނިމުމަކަށް ގެނައުން ހިމެނެ އެވެ. އަދި ގާނޫނީ އޮނިގަނޑު އެކުލަވާލާ އިރު، ގައުމުތަކުން އެއްބަސްވެފައިވާ އިންޓަނޭޝަނަލް ކޮންވެންޝަންތަކާ ފައިހަމަވާ ގޮތަށް، ހިޔާލުފާޅުފާޅު ކުރުމުގެ އަސާސީ ހައްގުތަކާއި މަސައްކަތްތެރިންގެ ހައްގުތައް ނުގެއްލޭ ގޮތަށް އެފަދަ ގާނޫނުތައް ބައްޓަން ކުރުމަށް ބާރުއެޅުމަށް ވެސް އެއްބަސްވެފައިވެ އެވެ.
އަދި ވަޒީފާގެ އެއްބަސްވުންތައް ހަދާ އިރު، ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ނުގެއްލޭ ގޮތަށް، އަދި މީޑިއާގެ މަސައްކަތްތަކަށް ބާރު ލިބޭ ގޮތަށް އެއްބަސްވުންތައް ގާއިމު ކުރުމަށް ގޮވާލާފައިވެ އެވެ. އަދި މިނިވަން ޕަބްލިކް ސާވިސް ބްރާޑްކާސްޓަރުންގެ ދައުރު އަދާ ކުރާ އިރު ކޮމިއުނިޓީ ތަމްސީލުވުން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ.