ފޭކު ސެޓްފިކެޓުތަކާއި ސަނަދުތައް ދިނުން ހުއްޓުވަން ހުރި ދަތިތައް ހޯދަން، އެމްކިއުއޭ ހާޒިރުކުރަން އެދެފި
ފޭކު ސެޓްފިކެޓުތަކާއި ސަނަދުތައް ދިނުން ހުއްޓުވަން ހުރި ދަތިތައް ހޯދަން، އެމްކިއުއޭ ހާޒިރުކުރަން އެދެފި

ފޭކު ސެޓުފިކެޓުތަކާއި ފޯޖު ސަނަދުތައް ހުއްޓުވަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އަށް ހުރި ގޮންޖެހުންތައް އޮޅުން ފިލުވުމަށް އެ އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި އެފަދައިން އެދިވަޑައިގެންނެވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)އެވެ.

އެގޮތުން، ފޭކު ސެޓުފިކެޓުތަކާއި ސަނަދުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތައް މެންބަރުގެ ސިޓީގައި ކިޔައިދެއްވާފައިވެއެވެ.

މެންބަރު މުހައްމަދު އިބްރާހިމް: ފޭކު ސެޓްފިކެޓުތަކާއި ފޯޖު ސަނަދުތައް ހުއްޓުވަން ހުރި ދަތިތައް ހޯދަން އެމްކިއުއޭ މަޖިލީހަށް ހާޒިރުކޮށްދޭން މެންބަރު ވަނީ އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލީސް

އޭގެތެރެއިން ބައެއް ކަންކަމަކީ:

  • ދަރިވަރުންނަށް ލިބެން ޖެހޭ ފުރިހަމަ އިލްމާއި ހުނަރުތައް ނުލިބި، ހަމައެކަނި ރަމްޒީ ސަނަދެއް ލިބުން

  • ކިޔަވައިދޭ މާއްދާތަކަކީ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ މިންގަނޑަށް ފެތޭ އެއްޗަކަށް ނުވުން
  • ސަނަދެއް އޮތަސް، މަސައްކަތަށް ބޭނުންވާ އަމަލީ ހުނަރު މުވައްޒަފުންގެ ކިބައިގައި ނެތުން
  • ތައުލީމީ މަރުކަޒުތަކުން ނިކުންނަ ދަރިވަރުންނާމެދު ވަޒީފާދޭ މީހުންގެ މެދުގައި އިތުބާރު ކުޑަވުން
  • އެއްވެސް އަގެއް ނެތް ސަނަދެއް ހޯދުމަށް ބުރަ މަސައްކަތުން ހޯދާ ފައިސާ ޚަރަދުކުރެވުން
  • ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގެ އަގުވެއްޓި، ރާއްޖޭގެ ސަނަދުތައް ބޭރު ގައުމުތަކުން ބަލައިނުގަން ހާލަތަކަށް ދިޔުން

ރާއްޖޭގައި އާންމު މި މައްސަލަ ހުއްޓުވުމަށް ދަރިވަރުންނާއި މަޖިލީހާއި އެމްކިއުއޭއަށް ކުރެވިދާނެ ކަންކަން ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެހެންވެ، ކުޑޫ ހުށަހެޅުއްވީ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ޚިދުމަތްތަކުގެ ފެންވަރު ވަޒަންކުރުމުގައި އެމްކިއުއޭގެ ދައުރާއި އެ އޮތޯރިޓީއަށް ހުރި ގޮންޖެހުންތައް ހޯދުމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް އެމްކިއުއޭގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށެވެ.

ކުޑޫ އެފަދައިން އެދިވަޑައިގެންނެވިއިރު، ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާތީ އެވިޑް ކޮލެޖު މި ހަފުތާގައި ވަނީ ޖޫރިމަނާކޮށްފައެވެ.