ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިއެވެ.

މިއީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދީފައެވެ.

ބޭންކުން މިފަހަރުވެސް ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ބީއެމްއެލް އިން ވަނީ ޚާއްސަ 'މެނުއަލް' ވީލްޗެއާތަކެއްވެސް ހަދިޔާކޮށްފައެވެ.

މި ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ވަސީލަތްތަކެކެވެ.

ބޭންކުން ބުނި ގޮތުގައި މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.