24 Jun 2026, 15:35
އިންވެސްޓްމެންޓްގެ ދާއިރާއިންނާއި، މެރިޓައިމް އަދި އިގްތިސާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މިއަދު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އެފެއާޒް، އެސް. ޕޯލް ކަޕޫރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 60 އަހަރު ފުރޭތީ އެކަން ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ފުރަތަމަ ގާއިމުކޮށްފައިވަނީ 9 އޭޕްރީލް 1966 ގައެވެ. މި ބައްދަލުވުމުގައި ފާއިތުވި ހަ އަހަަރުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ޕޮލިސީގެ ދަށުން، ރާއްޖޭގެ ތަރައްގީގެ މަޝްރޫޢްތަކާއި، އިގްތިސާދު ސިންދަފާތުކޮށް ޤައުމަށް ފައިދާހުރި ކަންކަމަށް ރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓްމެންޓްތައް އިތުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓްގެ ވާހަކަފުޅުގައި، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ސަރަޙައްދީ ސަލާމަތާއި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މިއީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ އަދި ސަރަޙައްދީ ހަމަޖެހުމަށްވެސް މުހިންމު ދާއިރާތަކެއްކަން ދެފަރާތުންވެސް ފާހަގަކުރެއްވިއެވެ.
ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެގައުމަށްވެސް ފައިދާހުރި ކަންކަމުގައި އެކީގައި މަސައްކަތް ކުރުމުގެ ރޫޙު އާކުރައްވަމުންނެވެ.
ރައީސް ވަނީ އެމެރިކާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.