ބައެއް ސިޔާސީ ޕާޓީ ތަށް ކަފުން ކޮށް ވަޅުލުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ދިޔުމަކީ ޚުދުމުހުތާރު ވެރިކަމުގެ ސިފަތަށް މި ޤައުމުގަ އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ބުނެފިއެވެ.

އައިޑީޕީން މި އަދު ނެރުނު ނޫސްބަޔާނެއްގަ ބުނެފާ ވަނީ ދިވެހި ރާއްޖޭގަ ރެޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީ ތަކަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 30 ވަނަ މާއްދާގެ(ހ) އާއި(ށ)ގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފަ ވާ ހައްޤެއް ކަން ކަށަވަރުވާ ހިނދުވެސް ސިޔާސީ ޕާޓީ ތަކުގެ ތެރޭގަ ހިމެނޭ ބައެއް ސިޔާސީ ޕާޓީ ތަށް އުވާ ލުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، އެހެންވެސް ބައެއް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދާ ގެންދިއުން އެ ޕާޓިން ކުއްވެރި ކުރާ ކަމަށެވެ.

"ޤާނޫނު އަސާސީގަ ކަނޑަ އެޅިގެން ރާއްޖޭގަ ރެޖިސްޓްރީ ކޮށްގެން ސިޔާސީ ޕާޓީ ހިންގުމުގެ ހައްޤު ކޮންމެ ރައްޔިތަކަށް ލިބިދީފަވާ އިރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް އޮޅިވަޑައިގެން ރާއްޖޭގެ މީޑިޔާގަ ސިޔާސީ ޕާޓީ ތަކުގެ ތެރޭގަ ހިމެނޭ ވަކި ޕާޓީ ތަކެއް އުވާލުމަށް އެ ބޭފުޅާގެ އަމިއްލަ ވިސްނުންފުޅު ހާމަ ކުރައްވަމުން ގެންދަވާ ގެންދެވުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް، އަދި މިފަދަ ބޭފުޅުން ދިވެހި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގަ ރައްޔިތުން ތަމްސީލު ކުރައްވަން ތިއްބަވާ ތިއްބެވުމަކީ ވެސް މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް،" ބަޔާނުގައިވެ އެވެ.

ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީ ތަކަށް ފައިސާ ދެމުންދާ ދިއުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވަމުން ގެންދަވާ އިރު ދައުލަތުގެ ބަޖެޓުން މަޖިލީހުގެ މެންބަރުންނަށް ބޮޑެތި ޚަރަދު ތަކެއް ކުރާ ކަމަށާއި އެ ބޭފުޅުންގެ މުސާރަ އާއި އިނާޔަތްތަށް ކަނޑަ އަޅުއްވަނީ ވެސް އަމިއްލަ ފުޅަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ސިޔާސީ ބޮޑެތި ޕާޓީ ތައް ކަމުގަ ދައުވާ ކުރަމުންގެންދާ ޕާޓީ ތަކުގެ ހަޤީޤީ މަޤުސަދަކަށް ވާން ޖެހޭނެ ކަމަށް މި ޕާޓީން ދެކެނީ އެ ނޫން ޕާޓީ ތަކަށް ނަމޫނާ ބަޔަކަށްވެ، ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރުން ކަމަށް ވިޔަސް އެފަދަ ސިޔާސީ ޕާޓީ ތަކުގެ އަމަލުތައް ހުރިގޮތުން މިއަދު މިވަނީ ޤައުމު ސިޔާސީ، އިޖްތިމާއީ، އަދި އިޤްތިސޯދީ ގޮތުން ނުރައްކާ ތެރި ހާލަތަކަށް ވެއްޓިފަ އެވެ" އެ ބަޔާނުގަ ވެއެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި މިހާރު މަސައްކަތްކުރައްވާ އުމަރު ނަސީރު އުފެއްދެވި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގައި މިހާރުތިބި މެންބަރުންގެ އަދަދަކީ 3484 މީހުން ނެވެ.