ސިނގިރޭޓުގެ އަގުހެޔޮކުރަން ސަރުކާރުން މަސައްކަތްކުރަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ދައުލަތަށް އާމްދަނީ ވެއްދުމަށް ކަމަށް، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު މިއަދު ވިދާޅުވެއްޖެއެވެ.

ސިނގިރޭޓުގެ އަގު ދެގުނަ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަހުސް ފަށައިފައެވެ.

މަޢުރޫފް ވިދާޅުވީ، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމުގެ ސަބަބުން މުޅި ޒުވާން ޖީލު އެއްކޮށް ބިޑި އޮޅަން މަޖުބޫރުވެފައިވާ ކަމަށެވެ.

"މި މަޖިލީހަށް ހުށަހެޅޭ ކޮންމެ ގާނޫނަކަށް ސަރުކާރުން ހަމަ ހުށަހަޅާހާ ގޮތަކަށް ފާސްކުރީމާ ކަންކަން ވާނެ ގޮތް މިއަދު މި ދަނީ ފެންނަމުން،" މަޢުރޫފް ވިދާޅުވިއެވެ.

ރައްޔިތުންގެ ސިއްހަތާ ދޭތެރޭ ސަރުކާރުން ވިސްނައިލައި، ސިޔާސަތުތައް އެކަށައެޅިނަމަ މިއަދު އަލުން ޑިއުޓީ ކުޑަކުރަން ނުޖެހުނީސް ކަމަށް ވިދާޅުވެ، މި ސަރުކާރަށް މަޢުރޫފް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ބޭރު ގައުމުތަކުގައި ދުންފަތުން ބޮޑެތި ޑިއުޓީ ނުނަގަނީ ސަބަބުތަކާ ހެދިއެވެ.

ނޮވެންބަރު 2024ގައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ބޭނުމަކަށްވީ މަޢުރޫފް ވިދާޅުވިގޮތުގައި، އާންމުން "ފެލާލައި" ދައުލަތުގެ މާލިއްޔަތު ހުސްކޮށްލުމެވެ.

"އެހެން ނަމަވެސް ނަތީޖާއަކަށްވީ ސިނގިރޭޓުގެ އަގު ބޮޑުކުރީމާ ދިވެހި ރައްޔިތުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް މަޖުބޫރުވީ ރައްކާތެރިނޫން އެހެން ބާވަތްތަކުގެ ބާވަތްތަކަށް ދާން، މަޖުބޫރުވީ ބިޑި އޮޅަން ދާން، މަޖުބޫރުވީ ނުރައްކާތެރި ބާވަތްތައް ބޭނުންކުރަން،" އޭނާ ވިދާޅުވިއެވެ.

މަޢުރޫފް އިތުރަށް ވިދާޅުވީ، އެއްވެސް ދިރާސާއެއް މަޝްވަރާއެއް ނެތި ގެންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިޞާދު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ.

"މިއަދުވެސް މިކަން މި ކުރަނީ ކޮންމެހެން ސިނގިރޭޓު އަގުހެޔޮ ކުރާކަށް، ޑަބްލިއުއެޗްއޯގެ ލަފަޔަކަށް، ނުވަތަ ދިވެހި ރައްޔިތަކަށް ހެޔޮ އެދިގެނެއްނޫން، އަނެއްކާވެސް ދައުލަތަށް އިތުރު އާމްދަނީއެއް ހޯދުމުގެ މަގުސަދުގައި، އެއީ ވަރިހަމަ ސިނގިރޭޓެއް ވިއްކައިގެން ވިޔަސް، ދެންހުރި އެއްޗެއް ވިއްކައިގެންވެސް، ހަމައެއް ލަމައެއް ނުބަލައި އާމްދަނީ ހޯދަން އިތުރުކުރަން މަސައްކަތް މި ކުރަނީ،" މަޢުރޫފް ވިދާޅުވިއެވެ.

ސަރުކާރުން މި ހުށަހެޅި އިސްލާހުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށެވެ.

މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގައިވާ އަނެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.

އެފަހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން, އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުޝާދަށް ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

ނަމަވެސް މިކަމުގައި ޑަބްލިޔުއެޗްއޯއިން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.