21 Sep 2012, 18:08
އިސްލާމްދީނާ ދެކޮޅަށް، ރަސޫލާއަށް ފުރައްސާރަކޮށް އެމެރިކާ ބަޔަކު އުފެއްދި ފިލްމާ މެދު ރާއްޖެއަށާއި ސްރީލަންކާއަށް ކަޑައަޅާފައި ހުންނަ އެމެރިކާގެ އެމްބަސީން މިއަދު ބަޔާނެއް ނެރެފި އެވެ.
ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފިލްމުގެ މައްސަލައިގާ އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ކުރިން ދެއްވާފައިވާ ބަޔާން އެމެރިކާއިން އަލުން ތަކުރާރުކުރާ ކަމަށެވެ.
ފިލްމުގެ މައްސަލައިގާ ހިލަރީ ކްލިންޓަން ވިދާޅުވެފައި ވަނީ އެފިލްމާއި އެފިލްމުގައި ހިމެނޭ ކަންތައްތަކާ އެމެރިކާއިން ވަރުގަދައަށް ދެކޮޅު ހަދާކަމަށެވެ. އަދި ހަމަ އެއާ އެކު ދީނުގެ ނަމުގައި ހިންގާ ހުރިހާ ހަމަނުޖެހުންތަކެއް ވެސް ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައި ކްލިންޓަން ވިދާޅުވި އެވެ.
ލީބިޔާގެ ބެންގާޒީގައި ހުރި އެމެރިކާ އެމްބަސީއަށް ދިން ހަމަލާގައި އެތާ ހުންނެވި އެމެރިކާގެ އެމްބެސެޑަރާއި އެހެން ބައެއް ސްޓާފުން މަރުވި ހާދިސާއާ ގުޅިގެން ރާއްޖެއާއި ލަންކާގެ އިޖުތިމާއީ އަދި ދީނީ ލީޑަރުންނާއި ސަރުކާރުގެ އޮފިޝަލުން ތައުޒިޔާ ވިދާޅުވެ، ފާޅު ކުރެއްވި ޝުއޫރު ތަކަށް ޓަކައި ޝުކުރުއަދާ ކުރާ ކަމަށް ވެސް އެމެރިކާ އެމްބަސީގެ ބަޔާނުގައިވެ އެވެ.
އެމެރިކާ ބަޔަކު އުފެއްދި ފިލްމާ ގުޅިގެން އިސްލާމީ ދުނިޔޭގައި އުފެދުނު ރުޅިވެރިކަން އަދިވެސް ނިމުމަކަށް ނާދެއެވެ. އެގޮތުން ޕާކިސްތާނުގައި ރެއާއި މިއަދުވެސް ވަނީ އެމެރިކާއާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.